ހައްޖުވެރިންގެ ހާލު ރަނގަޅު، މާދަމާ ހައްޖުގެ މައިގަނޑު އަޅުކަންތައް ފެށޭނެ: މުންދު

1447 ވަނަ އަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ގޮސްތިބި ދިވެހި ހައްޖުވެރިންގެ ހާލު ރަނގަޅުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާރސަން މުހަންމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މުންދު ވިދާޅުވީ، ހައްޖުވެރިންނާއެކު އަމަލީގޮތުން ހަރަކާތްތެރިވަމުންދާ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާ މިއަދު ހެނދުނު ވާހަކަދެއްކެވި ކަމަށެވެ. އަދި ހުރިހާ ހައްޖުވެރިންގެ ހާލުވެސް އާންމު ގޮތެއްގައި ރަނގަޅު ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މުންދު ފާހަގަކުރެއްވި ގޮތުގައި، އެއްވެސް ހައްޖުވެރިއަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ފަދަ ސިއްހީ ހާލަތެއްގައެއް ނެތެވެ. ބައެއް ހައްޖުވެރިންނަށް ކުޑަވަރެއްގެ އަރިދަފުސް ރޯގާ ފަދަ ކަންކަން ދިމާވި ނަމަވެސް، ކަންބޮޑުވާންޖެހޭ ފަދަ ސިއްހީ އެއްވެސް މައްސަލައެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.
ހައްޖުވެރިންނަށް ދޭ ހިދުމަތްތައް ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މުންދު ވިދާޅުވީ، މީގެ ކުރިން ދިމާވި ފާހާނާގެ ދަތިކަން ފަދަ މައްސަލަތައް މިހާރު އަމަލީގޮތުން ހައްލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ދިވެހި ހައްޖުވެރިން އެއް ސަރަހައްދެއްގައި ތިބޭ ގޮތަށް ”މޯލްޑިވްސް ޓައުން“ އެއްގެ ގޮތުގައި ހުރިހާ އިންތިޒާމުތަކެއް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މީގެ ސަބަބުން ހައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބި، އެއް ތަނަކުން ހުރިހާ ޚިދުމަތެއް ލިބޭނެ މަގު ފަހިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން ގެންދަނީ އަހަރުން އަހަރަށް ހައްޖުވެރިންނަށް ދޭ ހިދުމަތްތައް ފުރިހަމަކޮށް، އިތުރަށް ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހައްޖުވެރިންގެ ފޭލިގެތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ކާބޯތަކެތީގެ އިންތިޒާމުތައް ދިވެހިންނާ ގުޅޭގޮތަށް ބައްޓަންކުރުމަށް އިސްކަންދީފައިވާކަން ފާހަގަކުރެއްވިއެވެ.
މިހާރު ހުރިހާ ހައްޖުވެރިންވެސް އެ ބޭފުޅުން ތިއްބަވާނެ މަންޒިލްތަކަށް ވަޑައިގެން، އަޅުކަމަށް ތައްޔާރުވެފައިވާއިރު، ހައްޖުގެ މައިގަނޑު އަޅުކަންތައް މާދަމާ ރަސްމީކޮށް ފެށޭނެއެވެ.
މީގެ ތެރޭގައި މިނާ އަށް ދިއުމާއި، އަރަފާތް ބިމަށް ޖަމާވުން ފަދަ މުހިންމު ރުކުންތައް ހިމެނެއެވެ.
މުންދު ވިދާޅުވީ، ހައްޖުވެރިންގެ އާއިލާތަކުން އެ ބޭފުޅުންގެ ހާލަތާ މެދު އެއްވެސް ވަރަކަށް ކަންބޮޑުވެލައްވާނެ ކަމެއް ނެތް ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ. އަދި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ހައްޖުވެރިންނަށް އެއްވެސް ދަތިކަމެއް ނެތި، އަމާންކަމާއެކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ