އެމްޑީޕީއަށް ލިބުނު ކޮންމެ ކުރިއެރުމަކާއި، ކާމިޔާބަކީ ޕާޓީގެ އާންމު މެންބަރުން ވެފައިވާ ބޮޑެތި ގުރުބާނީތަކުގެ ނަތީޖާކަމަށާއި، އެ މެންބަރުން އެއްވެސް މީހެއްގެ ކައިރިން މާފަށް އެދެން ނުޖެހޭނެކަމަށް ޕާޓީގެ ޗެއަޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
މީކާއިލް މިހެން ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބާއި ގާތްވެފައި ވަނިކޮށް، ޕާޓީ ދޫކުރައްވައި ވަޑައިގެންނެވުމާއި ގުޅޭ ގޮތުން ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވާފައި ވަނިކޮށެވެ. މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި ވަޑައިގެންނެވުމުން އެކަމަށް މާފަށް އެދޭކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ކެމްޕެއިނަށް މިވަގުތު އަތޮޅުތެރޭގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ޕާޓީ ދޫކުރަން ޖެހުނީ އޭރުގެ ހާލަތު ހުރިގޮތުން މަޖުބޫރުވެގެން ކަމަށެވެ. ހާއްސަކޮށް 19 ވަނަ މަޖިލިސް އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އޮތް ގުޅުން ހީނަރުވުމާއި، އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދިޔަ ގޮތާމެދު ހިތްހަމަނުޖެހުން އޮތްކަން ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނާ އަރިސް މެންބަރުންނަށް ފިޔަވަޅު އަޅަން ފެށުމުން، އެކަމަށް ވަރިހަމަވެގެން ނުހުރެވުނީކަމަށް ވިދާޅުވިއެވެ.
އެކަމަށް ރައްދު ދީ މީކާއީލް ވިދާޅުވީ އެ ވާހަކަފުޅު އެއްވެސް ވަރަކަށް ގަބޫލުނުކުރައްވާ ކަމަށެވެ. މީކާއީލް ފާހަގަކުރެއްވި ގޮތުގައި، ރައީސް ނަޝީދު ކަމަށް ވިޔަސް ނުވަތަ އެހެން ބޭފުޅަކު ކަމަށް ވިޔަސް، އެ ބޭފުޅުން ސިޔާސީ ގޮތުން މިއަދު ތިއްބެވި ހިސާބަށް ގެންގޮސްދިނީ އާންމު މެންބަރުން ކުރި ބުރަ މަސައްކަތުންނެވެ.
އަޅުގަނޑެއް ހަމަ އެއްވެސް ވަރަކަށް ގަބޫލެއް ނުކުރަން ރައީސް ނަޝީދެއް ނޫން، އެއްވެސް މީހެއްގެ ފަރާތުން އެމްޑީޕީގެ އާންމު މެންބަރުން މާފަށް އެދެން ޖެހޭނެ ކަމަކަށް. އެމްޑީޕީގެ އާންމު މެންބަރުން އެބޭފުޅުންނަކީ ކޮން ބައެއްކަން ސާބިތުކޮށްދިނީ އެތައް އަހަރެއްގެ ގުރުބާނީން
މީކާއީލް ވިދާޅުވީ، އެ ބޭފުޅުންނަށް މިއަދު ލިބިވަޑައިގަންނަވާ ދާއިމީ އިނާޔަތްތަކާއި ލަގަބުތަކަކީ ވެސް މެންބަރުންގެ ބުރަ މަސައްކަތުން ލިބޭ އިނާޔާތް ކަމަށެވެ.
މީކާއީލް ވިދާޅުވީ، 2023 ގައި ފެނިގެންދިޔައީ އާންމު މެންބަރުންގެ އިހުސާސްތަކަށް ބެލުމެއް ނެތް ގޮތަށް، އަމިއްލަ ސިޔާސީ މަންފާއަށްޓަކައި އެތައް މެންބަރުންނެއް ބާކީކޮށްލި މަންޒަރު ކަމަށެވެ. އެހެންކަމުން، އެއްވެސް ހާލެއްގައި އާންމު މެންބަރުންނަކީ ކުށްވެރިވާންޖެހޭ ބައެއް ނޫންކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ މެމްބަރުން އެއްވެސް މީހެއްގެ ކިބައިން މާފަށް އެދެން ޖެހޭ ސަބަބެއް ނެތް: މީކާއިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ