އިސްލާމްދީނަކީ ޞުލްހައިގެ ދީން ކަމަށާއި އިސްލާމިކް ސްޓޭޓްގެ ގޮތުގައި މިހާރު ޙަރަކާތްތެރިވަމުންދާ ޖަމާޢަތަކީ އޭގައި އެއްވެސް އިސްލާމީ ސިފައެއްނެތް ޖަމާޢަތެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން މިހެން ވިދާޅުވީ އިންޑިއާގެ ކުރީގެ ރައީސް އޭޕީޖޭ އަބްދުލްކަލާމުގެ ހަނދާނުގައި ބެންގަލޫރުގެ ގާޑްން ސިޓީ ކޮލެޖާއި އިންޑިއާގެ ސްޕޭސް އެޖެންސީ (އިސްރޯ) އާ ގުޅިގެން ދަރިވަރުންގެ މެދުގައި ބާއްވާ ބަހުސް މުބާރާތް "ސްޕީކް ޔުއަ މައިންޑް އެންޑް އެކްސްޕްރެސް" (ސިމްޕްރެސް) އިފްތިތާހު ކޮށްދެއްވަމުންނެވެ.
މައުމޫން ވިދާޅުވީ ކޮންމެ ދީނަކީވެސް ޞުލްޙަވެރިކަމާއި އިންސާނީ އުޚުއްވަތްތެރިކަމަށް ގޮވާލާ ދީނެއް ކަމަށާއި މިހެންކަމުން އެކި ދީންތަކާއި އެކި ޘަޤާފަތްތަކުގެ އަހުލުވެރިންގެ މެދުގައި ޞުލްޙަ ޤާއިމުކޮށް ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރުމަކީ މުޅި ދުނިޔޭގައި ޞުލްޙަ ޤާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ރައީސް މައުމޫންގެ ތަޤްރީރު މައިގަނޑު ގޮތެއްގައި ބިނާކުރައްވާފައިވަނީ ޞުލްޙަވެރި މާޙައުލެއް ދުނިޔޭގައި އޮތުމުގެ މައްޗަށާއި އެކަން ޙާޞިލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. މިގޮތުން އެމަނިކުފާނު މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ދުނިޔެއަށް ދާއިމީ ޞުލްޙައެއް ހޯދުމަކީ ދަތި އުނދަގޫ ކަމެއްކަމުގައި ވިޔަސް މިކަން ޙާޞިލުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ދުނިޔެއަށް ދާއިމީ ސުލްހައެއް ހޯދުމަކީ ދަތި އުނދަގޫ ކަމެއް ކަމުގައި ވިޔަސް އެކަން ހާސިލު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ. އަދި ކަލާމް ވިދާޅުވެފައިވާ ފަދައިން "ހަނގުރާމަ އަކީ އެއްވެސް ދެކޮޅުވެރިކަމެއްގެ ދާއިމީ ހައްލެއް ނޫން" ކަމަށާއި އެކި ކަންކޮޅުތަކުގައި ހަނގުރާމަ ހިންގަމުން ދުނިޔޭގައި ސުލްހައެއް ގާއިމު ނުކުރެވޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ
ގާޑްން ސިޓީގެ ބަހުސް މުބާރާތުގެ އިފުތިތާހީ ޖަލްސާއަށް ދައުވަތު ދެއްވީތީ، މައުމޫން ވަނީ އެ ގުރޫޕުގެ ޗެއާމަން ޑރ. ޖޯސެފް ވީ ޖޯޖަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ގާޑްން ސިޓީ ކޮލެޖުގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި ދިވެހިން ހިމެނޭތީ އެކަން ވެސް މައުމޫން ފާހަގަ ކުރެއްވި އެވެ.
އައިއެސް އަކީ އިސްލާމީ ސިފައެއް ނެތް ޖަމާއަތެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ