މަޖިލީހަށް ފޮނުއްވާނީ މައުމޫން ހަމީދުގެ ނަން ކަމަށް ރައީސް ވިދާޅުވެއްޖެ

ހުސްވެފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނީ އަނެއްކާ ވެސް މައުމޫން ހަމީދުގެ ނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރޭ އައްޑޫ ސިޓީގެ ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަޤާމަށް މައުމޫން ހަމީދުގެ ނަން ކުރިން ފޮނުއްވީ އޭނާއަކީ އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކަށް ވީތީ ނޫން ކަމަށާއި، އެއީ އެ މަޤާމަށް ނުހަނު ޤާބިލު ބޭފުޅަކަށް ވީތީ ކަމަށެވެ.
ރައީސް ވިދާޅުވީ ޕީޖީގެ މަޤާމަށް ކަނޑައަޅުއްވަން ބޭނުންފުޅު ވަނީ އިތުބާރު ހުރި، ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. އަދި ޕީޖީއަކަށް ވާން ޖެހޭނީ ޕީޖީގެ އޮފީހުގައި ބައެއް މައްސަލަތައް ހަރުލައްވާފައި ހުރުމުގެ ބަދަލުގައި، ހުރިހާ މައްސަލައެއް ވެސް ޝަރީޢަތް ކުރުމަށް ފޮނުއްވާނެ ބޭފުޅެއް ކަމަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމް މިދިޔަ ޑިސެމްބަރު މަހުން ފަށައިގެން ހުސްވެފައި ވީ ނަމަވެސް، މިހާތަނަށް އައި 6 މަސް ދުވަހު އެ މަޤާމާށް ކުރިމަތި ލުމަށް ޖުމްލަ 3 ފަހަރަކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އިޢުލާން ކުރައްވާފަ އެވެ.
އެންމެ ފުރަތަމަ ފަހަރުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ޕީޖީގެ މަޤާމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވީ މައުމޫން ހަމީދުގެ ނަމެވެ. އެހެން ނަމަވެސް، އޭނާގެ ނަން ވަނީ 17 ވަނަ މަޖިލީހުން ފާސް ނުވެފަ އެވެ.
ދެވަނަ ފަހަރަށް ޕީޖީގެ މަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލުމުން، މައުމޫން ހަމީދު ކުރިމަތި ނުލައްވަ އެވެ. އެހެން ނަމަވެސް، އެ ފަހަރު ކުރިމަތިލެއްވީ ކުރީ ފަހަރާ އަޅާ ބަލާ އިރު މަދު ބައެކެވެ. އެހެން ކަމުން ރައީސްގެ އަތްޕުޅުގައި ހުރި "ޗޮއިސްތައް މަދު ވުމުގެ ސަބަބުން" ކަމަށް ވިދާޅުވެ، ރައީސް އޮފީހުން ވަނީ 3 ވަނަ ފަހަރަށް އެ މަޤާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވަލާފަ އެވެ.
ޕީޖީގެ މަޤާމަށް 3 ވަނަ ފަހަރަށް ކުރިމަތިލުމުގެ ފުރުސަތު މިިދިޔަ ހަފްތާގައި ހަމަވެފައިވާ އިރު އެ މަޤާމަށް 7 ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ.
އެ 7 ބޭފުޅުންނަކީ، މައުމޫން ހަމީދާއި، ކުރީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރާ ޑރ މަރިޔަމް ޒުލްފާއާއި، އާއިޝަތު ފަޒްނާ އަހްމަދުގެ އިތުރުން، ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް މުހުސިންއާއި، ޑްރަގް ކޯޓުގެ ދެ ގާޒީއިން ކަމުގައިވާ މަހާޒް އަލީ ޒާހިރާއި އަބްދުލްސައްތާރު އަބްދުލްހަމީދާއި ބ ހިތާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އުއްމުކުލްސޫމް އަދްނާނެވެ.
ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި، ޑރ މަރިޔަމް ޒުލްފާއާއި، އާއިޝަތު ފަޒްނާ އަހްމަދާއި ގާޒީ މުހުތާޒް މުހުސިންއަކީ ޕީޖީގެ މަޤާމަށް ނަން ހުށަހެޅުމަށް ހުޅުވާލި 3 ފަހަރުގައި ވެސް ކުރިމަތިލެއްވި 3 ބޭފުޅުންކަން ފާހަގަ ކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ