ސިވިލް ކޯޓުގެ ގާޒީ ޝުޖޫން އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޝުޖޫން އިސްތިއުފާ ދެއްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އޮފިޝަލަކު ވަނީ ވީނިއުސްއަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ޖޭއެސްސީގެ އޮފިޝަލް ވިދާޅުވީ، ގާޒީ ޝުޖޫންގެ އިސްތިއުފާގެ ސިޓީ އެ ކޮމިޝަނަށް އިއްޔެގެ ވަގުތެއްގައި ލިބިފައިވާ ކަަމާށާއި އިސްތިއުފާ ދެއްވުމަށް އޭނަ ހުށަހަޅުއްވާފައި ވަނީ ކޮން ސަބަބަކާ ހުރެކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ.
އެކަމަނާ އިސްތިއުފާ ދެއްވި އިރު ސުޕްރީމް ކޯޓްގެ ބެންޗުން ދެ ފަނޑިޔާރުން ވަކި ކުރަން ނިންމި މައްސަލައާ ގުޅިގެން އެކަމަނާ ހިމެނި ވަޑައިގަންނަވާ ސިވިލް ކޯޓުން އެކަމާ ދެކޮޅު ހަދައި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ބުނެ ދާދިފަހުން ވަނީ ގަރާރެއް ވެސް ފާސްކޮށްފަ އެވެ. އެ ގަރާރުގައި ޝުޖޫންވެސް ވަނީ ސޮއިކުރައްވާފަ އެވެ.
ޝުޖޫން އިސްތިއުފާ ދެއްވި އިރު، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ އޭނާ ޚިލާފު ވެފައިވޭތޯ ބަލަން ޖޭއެސްސީން މިދިޔަ ފެބްރުއަރީ މަހު ފެށި އެވެ. އެހެން ނަމަވެސް، އެ މައްސަލަ ގޮސްފައިވާ ހިސާބެއް ޖޭއެސްސީން ފަހުން ހާމަކޮށްފައެއް ނުވެ އެވެ. ޝުޖޫންގެ މައްސަލައެއް ޖޭއެސްސީ ބަލަން ފަށާފައިވަނީ ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މައްސަލައެއް ވަކިގޮތަކަށް ނިންމުމަށް ފަސް މިލިއަން ޑޮލަރުގެ ރިޝްވަތު ޝުޖޫނަށް ހުށަހެޅުނުކަމަށް އާއްންމުގެ ކުރިމަތީގައި އަމިއްލައަށް އިޢުތިރާފްވެވަޑައިގަތުމާ ގުޅިގެންނެވެ.
މޯލްޑިވްސް ޑިޓެއިނީ ނެޓްވޯކްގެ ފައުންޑަ މެމްބަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ޝުޖޫން ގެންދަވަނީ، އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ އދ.ގެ ސަބް-ކޮމެޓީ (އެސްޕީޓީ)ގައި ރާއްޖެ ތަމްސީލް ކުރައްވަމުންނެވެ.
ރާއްޖޭގެ ފުރަތަމަ އަންހެން ދެ ގާޒީންގެ ތެރޭގައި ހިމެނި ވަޑައިގަތުމުގެ އިތުރުން އެކަމަނާ އަކީ އޭޝިޔާގެ ގައުމުތަކުން އެސްޕީޓީއަށް ހޮވިވަޑައިގަތް ފުރަތަމަ ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޝުޖޫން ސިވިލް ކޯޓުގެ ގާޒީ ކަމުން އިސްތިއުފާ ދެއްވެވިއިރު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އެކަމަނާ ވަނީ ކުރިމަތިލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ