ރާއްޖެ ޓީވީގެ ރޭގެ ހަބަރުގައި ސަލާމަތީ ބާރުތަކުގައި ހިމެނޭ މީހެއްގެ އަޑު ކަމަށްބުނެ ގެނެސްދިން އޯޑިއޯ އަކީ ސިފައިންގެ މީހަކު ދައްކާފައިވާ ވާހަކަތެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ބުނެ އެމްއެންޑޫއެފުން ބަޔާނެއް ނެރެފި އެވެ.
އެމްއެންޑީއެފްގެ ބަޔާނުގައި ބުނަނީ މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު، ހެންވޭރު ރާޅުގަނޑު ސަރަޙައްދުގައި ހަދާފައިހުރި އެމްޑީޕީގެ ޖަގަހަ ސަލާމަތީ ބާރުތަކުގެ ދަށަށް ގެނައުމުގައި އެތާގައި ހުރި ސިފައިންގެ މީހަކު ކަމަށްބުނެ މީހެއްގެ އަޑުން ރާއްޖެ ރޭޑިޓީވީ ގެނެސްދިން އޯޑިއޯ ރެކޯޑިންއަކީ ސިފައިންގެ މީހަކު ދައްކާފައިވާ ވާހަކައެއްކަމަށް ޤަބޫލެއް ނުކުރޭ ކަމަށެވެ. އަދި އެއަޑަކީ ޑަބްކޮށް، އިފެކްޓެއް ގެނެސްގެން ހަދާފައިވާ އަޑެއްކަމުގައި ވެސް ޤަބޫލު ކުރޭ ކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނަނީ އެފަދަ ގޮތަކަށް ސަލާމަތީ ބާރުތަކުގެ އަގުވައްޓާލަން އެކިއެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ކުށްވެރާ ކަމަށާއި ޤައުމީ ދިފާޢީ ބާރަކީ ރާއްޖޭގެ ޤައުމީ ސަލާމަތާއި، ރައްޔިތުންގެ ހިމާޔަތާއި، ޤާނޫނުއަސާސީ ދެމެހެއްޓުމުގައި ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކުރުންމަތީ ދެމިތިބި ބައެއްކަން ރައްޔިތުންނަށް ޔަޤީންކޮށްދޭ ކަމަށެވެ.
ރާއްޖެ ޓީވީން ރޭ ފޮނުވި އޯޑިއޯ ގައި ބުނެފައި ވަނީ ރާޅުގަނޑު ސަރަހައްދުގައި ހުރި އެމްޑީޕީގެ ޓެންޓުތައް ސިފައިންނާއި ފުލުހުން ރޫޅާލައި ފާސްކުރިއިރު ފެނުނު ބިއަރު ދަޅުތަކަކީ ސަލާމަތީ ބާރުތަކުން އަމިއްލަ އަށް އެތަނަށް ވެއްދި އެއްޗެހިތަކެއް ކަމަށާއި. ފޮށިގަނޑަކަށް ލައިގެން ގޮސް ކޭމްޕްގައި ހުރި އެމްޑީޕީ އަށް ނިސްބަތްވާ ގޮތަށް ބޭރުގައި ނަން ޖަހާފައި ހުރި ފުޅިމަދު ފޮށިގަނޑަކަށް އެ ދަޅުތައް ލީ ކަމަށާއި އޭގައި ފިނިކަން ވެސް ހުރި ކަމަށެވެ.
ރާއްޖެ ޓީވީން ފޮނުވި އޯޑިއޯއަކީ ހަދާފައިވާ އެއްޗެއް: އެމްއެންޑީއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ