މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ކޮތަޅުތަކުން މިދިޔަ އަންގާރަ ދުވަހު ފުލުހުން އަތުލައިގަތް 200އަށް ވުރެ ގިނަ ސިނގިރޭޓް ކާޓަންތަކަކަކީ ކަސްޓަމްސްއިން ބޮންޑެޑް ވެއާހައުސްއެއްގެ ގޮތުގައި ބޭނުންކުރާ ގުދަނަކުން ގެއްލިފައިވާ ތަކެތި ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބުނި ގޮތުގައި، ގިނަ އަަދަދެއްގެ ސިނގިރޭޓް ކާޓަންތަކެއް ހުރި ކަޅު ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްލައި ބޮޑުރަސްގެފާނު މަގުން ފުލުހުންނަށް ފިލި ޕިކަޕެއްގެ މައްސަލަ ވަނީ ތަހުގީގުކުރަން ފަށާފަ އެވެ. އެ ތަނުން ފެނުނު ކޮތަޅުތަކުގައި 221 އަށް ވުރެ ގިނަ ސިނގިރޭޓް ކާޓަން ހުރިއިރު، އޭރު ފުލުހުން ބުނި ގޮތުގައި، އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައިވަނީ އެއީ ވަގަށް ރާއްޖެ އެތެރެކޮށްފައިވާ ތަކެތި ކަމަށް ބަލައިގެންނެވެ.
މި މައްސަލާގައި ބަގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދުގެ މުއްދަތު ޖަހަން މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެ އެވެ.
ކޯޓުގައި ފުލުހުން ބުނި ގޮތުގައި، ތަހުގީގަށް ހޯދި ހޯދުންތަކަށް ފަހު މި މައްސަލަ މިހާރު ބަލަމުންދަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގަ އެވެ.
މި މައްސަލާގައި ހައްޔަރުކުރީ:
ރެޒައުލް ހައްގު، 39
އެމްޑީ މަންނާން މޮންޑޮލް، 43
މުހައްމަދު ސުލައިމާން، 42
ބުނީ ކީކޭ؟ - ފުލުހުން ކޯޓުގައި ބުނި ގޮތުގައި، އެ މައްސަލާގައި ހައްޔަރުކުރި ބަގްލަދޭޝްގެ ތިން މީހުންނަކީ 'ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް' ކިޔާ ކުންފުންޏެއްގައި މަސައްކަތްކުރާ ތިން މީހުންނެވެ. އެއީ މަޝްހޫރު 'ލޮޓަސް' ފިހާރަ ހިންގާ ކުންފުންޏެވެ.
ފުލުހުން ބުނި ގޮތުގައި:
ޕިކަޕަކުން މަގުމައްޗަށް ދޫކޮށްލާފައި ދިޔަ ސިނގިރޭޓް ކާޓަންތަކަކީ އެ ކުންފުނީގެ ގުދަނުން ގެއްލިފައިވާ ތަކެތި
އެ ގުދަނަކީ ބޮންޑެޑް ވެއާހައުސްއެއް ކަމުން، އެ ތަނުން މުދާ ބޭރުކުރެވޭނީ ކަސްޓަމްސްއަށް ޑިއުޓީ ދައްކައިގެން
އެހެންކަމުން މި ތިން މުވައްޒަފުންގެ މައްޗަށް ކުރަނީ އެ ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތު
ދިފާއުގައި މި ތިން މީހުން ވެސް ކޯޓުގައި ބުނެފައިވަނީ ޕިކަޕަށް ދަބަސްތައް އެރުވީ އެ ސަރަހައްދުން ދިޔަ ބިދޭސީއަކު އުޖޫރަ ދޭނެ ކަމަށް ބުނެގެން ކަމަށެވެ.
މި ތިން މީހުން ވެސް ވަނީ ގާނޫނީ ވަކީލެއްގެ ފުރުސަތު ބޭނުންވާ ކަމަށް ބުނެފަ އެވެ. އޭގެ ތެރެއިން:
ދެ މީހުން އެދުނީ ކުންފުނީގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން މަޝްވަރާކުރަންް ކޯލެއް ކުރުމުގެ ފުރުސަތު ދިނުމަށް
ދެން ހުރި މީހާ ވަނީ ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދިނުމަށް އެދިފައި
ދެ ފަރާތުގެ ވާހަކަތަކަށާއި މައްސަލާގައި ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލައި ބަންދުގެ މުއްދަތު ޖެހި ގާޒީ އާމިނަތު ނުޒުހާ ވިދާޅުވީ އެ މައްސަލާގައި އެ މީހުންގެ ބައިވެރިވުމެއް އޮތް ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އޭނާ އަމަރު ކުރެއްވި އެވެ.
މަގުމަތިން އަތުލައިގަތީ ބޮންޑެޑް ވެއާހައުސްއަކުން ގެއްލުނު ސިނގިރޭޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ