އިންޑިއާގެ އަރޫނަޗަލް ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ ޔޫޕިއާގައި މިހާރު ކުރިއަށްދާ ސާފްގެ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި މިއަދު ބޫޓާނާ 2-2 އިން އެއްވަރުކޮށް ރާއްޖެއިން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ ވެސް 2-2 އިން އެއްވަރުކުރި ރާއްޖެ މިއަދު ވެސް ބަލިނުވެ ސަލާމަތްވީ ފަހު ހާފުގައި ކުރި ހިތްވަރާއި މުހިންމު ވަގުތެއްގައި ލީޑް ވެސް ނަގައިގެންނެވެ.
ފުރަތަމަ ހާފުގައި ބޫޓާނުން ޖެހި ލަނޑާ އެކު މެޗު ނިމެން ދަނިކޮށް ރާއްޖެއިން އެއްވަރުކުރީ 75 ވަނަ މިނިޓްގައި ފޯވަޑް އައިދު މުހައްމަދު ޖަވީޒް އެވެ. އޭރިއާގެ ކުރިމަތިން އައްޝާމް އިބްރާހިމް މުހައްމަދު ދިން ބޯޅަ ހިފައިގެން ވަދެ، ތިރިން ފޮނުވާލައިގެން އޭނާ ޖެހި ލަނޑު ރީއްޗެވެ.
ގްރޫޕް އޭގައި ބަންގްލަދޭޝް އަތުން 3-0 އިން ބަލިވެފައި އޮތުމުން ސެމީ ފައިނަލަށް ދާން ބޫޓާންއަށް އޮތީ ރާއްޖެ އަތުން މޮޅުވުމެވެ. އެހެންކަމުން ދެވަނަ ލަނޑެއް ޖަހަން ކުރިއަށް އަރައިގެން އުޅުނު ވަގުތު ދިން ބޯޅަ ހިފައިގެން ގޮސް ބޫޓާން ކީޕަރު ކުރިއަށް އެރި ވަގުތު ޕެނެލްޓީ ބޭރުން ފޮނުވާލައިގެން 2-1އިން ކުރި ހޯދައިދިނީ 93 ވަނަ މިނިޓްގައި އައްޝާމް އެވެ.
އިތުރު ވަގުތަށް ހަ މިނިޓް ކުޅެމުން ދަނިކޮށް ރާއްޖޭގެ ޓީމަށް ޕްރެޝަރު ކުރިމަތިވީ އޭގެ ފަހުން ބޫޓާނުން ލަނޑެއް ޖެހުމުންނެވެ. ނަމަވެސް އިތުރު ލަނޑަކަށް ފުރުސަތު ނުދީ ރާއްޖެއިން މެޗު ނިންމި އެވެ.
ސެމީ ފައިނަލްގައި ރާއްޖެއާ ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ގްރޫޕް ބީގެ ފަހު މެޗުގައި ނޭޕާލާއި އިންޑިއާ ބައްދަލުކޮށް ނިމުމުންނެވެ. މެޗުން އެއްވަރު ވެއްޖެ ނަމަ ސެމީގައި ރާއްޖެ ކުޅޭނީ އިންޑިއާއާ އެވެ. ނޭޕާލާ ކުޅެން ޖެހޭނީ އިންޑިއާ އަތުން ނޭޕާލު މޮޅުވެއްޖެ ނަމަ އެވެ.
ބޫޓާނާ އެއްވަރުކޮށް ރާއްޖެ ސެމީ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ