ކާޅާއި ވާ މަރަން ބޭނުމެއްނޫން، އެތަކެއްޗާއެކު އުޅެން ދަސްކުރަންޖެހޭ: މާރިޔާ
ކާޅާއި ވާލާ މަރަން ބޭނުންނުވާ ކަމަށާއި އެ ތަކެއްޗާއެކު އުޅެން ދަސްކުރަންޖެހޭ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރޭ ބޭއްވި އަހާ ފޯރަމްގައި، ކާޅާއި ވާލާއި ބުޅަލުގެ ކަންކަން ރައްޔިތުންނަށް އުނދަގޫވާ ވަރަށް ބޮޑުވެފައިވުމުން މިނިސްޓްރީން އެކަން ހައްލުކޮށްދިނުމަށް ކޮށްދެވޭނޭ ކަމަކީ ކޮބައިތޯ މީހަކު ސުވާލުކުރުމުންނެވެ. އެ ސުވާލުކުރީ، ބުޅަލުގެ އުނދަގޫ ވަރަށް ބޮޑުވުމުގެ ކަންބޮޑުވުން މި ފަހުން ފާޅުކޮށްފައިވާ ރ. އިނގުރައިދޫގެ މީހެކެވެ. އެ ސުވާލަށް ޖަވާބުދެއްވައި މާރިޔާ ވިދާޅުވީ, ޖަނަވާރުތަކާ ގުޅުންހުރި މަސައްކަތްތަކުގައި ވަރަށް އެކި މިނިސްޓްރީތައް ބައިވެރިވާ ކަމަށެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓަރީއާއި ޑިފެންސް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ވެސް މި މައްސަލައިގައި ހަރަކާތްތެރިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކާޅާއި ވާލަކީވެސް ހަގީގަތުގައި މީހުންނާ އެކުގައި އުޅެންޖެހޭ އެއްޗެއް ކަމަށެވެ. އަޅުގަނޑުމެން އެބަ ދަސްކުރަންޖެހޭ ކާޅާއި ވާލާއެކު އުޅެން. އެހެންނަމަވެސް އަޅުގަނޑުމެން ގަބޫލުކުރަން މިވަގުތު ކާޅާއި ވާލަކީ ހަމަ ޕެސްޓަކަށް ވެފައި އޮތް އެއްޗެއްކަން.އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ މިނިސްޓަރު ވިދާޅުވީ ކާޅާއި ވާލާހެދި އުނދަގުލަކަށް ވާންޖެހޭ ސަބަބުތަކެއް ވެސް އޮންނަ ކަމަށެވެ. އެކަމުގެ މަޝްވަރާ ވަރަށް ބޮޑަށް ކުރަމުންދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކޮންފަރެންސްތަކުގައި ވެސް މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށާއި އީޕީއޭއާއެކު ވެސް އެކަމާގުޅޭ މަޝްވަރާތައް ކުރާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މާލޭގައި ކާޅުތަކެއް: ކާޅާއި ވާލުގެ އުނދަގޫ ފޯރާ ނަމަވެސް، އެ ޖަނަވާރުތައް މަރަން ބޭނުންނުވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ މާރިޔާ ވިދާޅުވީ މި ފަހުން ދެތިން ރަށެއްގައި ވާތަކެއް މަރައިފައި ވާކަމަށެވެ. ނަމަވެސް ވާލާއި ކާޅާ މަރަން ބޭނުން ނުވާކަމަށާއި ދިރޭތަކެއްޗަށް ހިމާޔަތްދޭން ބޭނުންވާކަމަށެވެ ފާހަަކޮށްލެވޭ ގޮތުގައި އަތޮޅުތެރޭގެ ރައްރަށުގައި ކާޅާއި ވާލުގެ އިތުރުން ބުޅަލުގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. https://sun.mv/205041 ދާދިފަހުން ރ. އިނގުރައިދޫ ކައުންސިލުން ވަނީ އެ ރަށުގައި ބުޅާގިނަވެ ބުޅަލުގެ އުނދަގޫ ބޮޑުވުމުން އެ ކަން ހައްލުކުރުމަށް ޓަކައި 300 ބުޅާ ހިފައިދޭނެ ބަޔަކު ހޯދަން އިއުލާނެއް ވެސް ކޮށްފައެވެ. އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން 'ސަން'އަށް ބުނީ، ބުޅާތައް ހިފުމަށް އިއުލާނުކުރީ ރައްޔިތުންނަށް ބުޅަލުގެ އުނދަގޫ ބޮޑުވުމުން ކަމަށެވެ. ބުޅާ ގިނަވެ، މަގުމަތީގައި ބުޅަލުގެ ނަޖިހުން ނުތާހިރުވުމުގެ މައްސަލަ މާލޭގައި ވެސް ވަނީ ވަރަށް ބޮޑުވެފައެވެ. އެ މައްސަލަ ހައްލުކުރުމަށް ކެޓް ޝެލްޓަރެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދައިފައިވެއެވެ. ނަމަވެސް އެ ޝެލްޓަރާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާއި އެނިމަލް ވެލްފެއާ މިނިސްޓްރީއާ ދެމެދު ދެބަސްވުންތަކެއް އުފެދި، ޚިދުމަތް ދިނުން ލަސްވިއެވެ. އެ ޝެލްޓަރުން ޚިދުމަތް ދޭން ފެށިފަހުން ވެސް އެ ތަނަށް ބުޅާ ގެންދިޔުން ލަސްވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ