ސަން ސިޔާމް ގުރޫޕުން ލޭ ހަދިޔާކުރުން: ފުރަތަމަ ހަރަކާތް އޮޅުވެލީގައި

ސަން ސިޔާމް އޮޅުވެލި ރިސޯޓުން ފާތިމަތު ސައުނާ މުޙައްމަދު ސަން ސިޔާމް ގުރޫޕުގެ 35 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްދާ ލޭ ހަދިޔާކުރުމުގެ ފުރަތަމަ ހަރަކާތް ސަން ސިޔާމް އޮޅުވެލީގައި މިއަދު ފަށައިފިއެވެ. ސަން ސިޔާމް ރިސޯޓްސްގެ ދަށުން މިހާރު އަންނަނީ ރާއްޖޭގެ މަތީ ފަންތީގެ އެންމެ ފުރިހަމަ ޚިދުމަތް ލިބޭ ފަސް ރިސޯޓު ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި, އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ. އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައި ލޭ ހަދިޔާކުރުމުގެ ހަރަކާތް ފުރަތަމަ ފެށީ 2015 ވަނަ އަހަރެވެ. އެކަމަކު، ކޮވިޑާ ގުޅިގެން މެދުކަނޑާލުމަށް ފަހު، އަލުން ހަރަކާތް ފެށީ 2023ގައެވެ. ލޭ ހަދިޔާކުރުމަށް އޮޅުވެލީގައި ބޭއްވި ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް މިއަދު އޮޅުވެލީގައި އޮތް ލޭ ހަދިޔާކުރުމުގެ ހަރަކާތް ފައްޓަވައިދެއްވީ، އޮޅުވެލީގެ މެނޭޖްމެންޓުގެ އިސްވެރިންތަކެކެވެ. އެ ހަރަކާތުގައި އެސިސްޓެންޓް ގްރޫޕް ޖެނެރަލް މެނޭޖަރު ހަސަން އާދިލް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ސަންސިޔާމް ގުރޫޕުން 400އަށް ވުރެ ގިނަ މީހުން ލޭ ހަދިޔާކުރުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ. މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)ގެ ޑރ. ޖޫދާ ރަޝީދު ވިދާޅުވީ، ތެލަސީމިއާއަށް 670 މީހުން މުޅި ރާއްޖޭގައި ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. އެ މީހުންގެ ތެރެއިން މާލޭގައި ފަރުވާ ދެމުން އަންނަނީ 327 މީހުންނަށްކަން އޭނާ ފާހަގަކުރެއްވިއެވެ. "ކޮންމެ އަަހަރަކު ވެސް މި ހަރަކާތަށް އަޅުގަނޑުމެންނަށް ވަރަށް އިންތިޒާރުކުރެވޭ. އެއީ، ސަން ސިޔާމް ރިސޯޓުތަކުން ލިބޭ ޑޯނަރުންގެ ގިނަކަމުން. އެކަމުން މުޖުތަމައަށް ކުރާ ފައިދާއިން މި ފުރުސަތުގައި އަޅުގަނޑު ބޭނުން ސަން ސިޔާމް ރިސޯޓުތަކުގެ ޓީމަށް ޝުކުރު އަދާކުރަން،" ޖޫދާ ފާހަގަކުރެއްވިއެވެ. ލޭ ހަދިޔާކުރުމަށް އޮޅުވެލީގައި ބޭއްވި ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް އޮޅުވެލީގެ އެޗްއާރު ޑިރެކްޓަރު އަޙުމަދު ޝަޒީން ވިދާޅުވީ، އޮޅުވެލީގެ މުވައްޒަފުންނަކީ މުޖުތަމައުއަށް ކުރާ ކޮންމެ ކަމަކަށް ވަރަށް ފަރުވާތެރިވާ ބައެއް ކަމަށެވެ. "މިއަދުވެސް މި ފެންނަނީ ވަރަށް ގިނަ ސްޓާފުން ލޭ ހަދިޔާކުރަން ކޭމްޕަށް އައިސް އުޅޭތަން. މިދިޔަ އަހަރު ލޭ ހަދިޔާ ކުރީ 132 މީހުން. މިއަހަރު އުންމީދު ކުރެވެނީ މިއަށްވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާކުރާނެ ކަމަށް،" ޝަޒީން ވިދާޅުވިއެވެ. ލޭ ހަދިޔާކުރުމަށް އޮޅުވެލީގައި ބޭއްވި ހަރަކާތުގެ ތެރެއިން ---- ސަން ފޮޓޯ/ މޫސާ ނަދީމް ސަން ސިޔާމް ރިސޯޓުތައް އުފެދުނު ފަހުން އެތައް އަހަރެއް ވެފައިވާއިރު، އެ ކުންފުނިން ވަނީ ގިނަ ކާމީޔާބީތަކެއް ހޯދައިފައެވެ. އެގޮތުން އެމްބީއެސްއާ ގުޅިގެން ވޭތުވެދިޔަ ހަތަރު އަހަރު އެންމެ ގިނައިން ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް ބޭއްވި ކުންފުނިތަކުގެ ތެރޭގައި ސަން ސިޔާމް ރިސޯޓްސް ވަނީ ހިމެނިފައެވެ. އޮޅުވެލީގައި ލޭ ހަދިޔާކުރުމަށް ހިންގި ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް 'ސަން'އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި އާދިލް ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އޮޅުވެއްޔަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެއް ކާމިޔާބީގެ ގޮތުން އާދިލް ފާހަގަކުރެއްވީ، ރާއްޖޭގައި އެންމެ ދިގު ޕޫލް އޮޅުވެލީގައި ގާއިމުކުރެވިފައި ވުމެވެ. މި ރިސޯޓުގައި 465 ރޫމް ހުރުމަކީ ވެސް ކުރިއެރުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއާއެކު، ފަތުރުވެރިން އޮޅުވެއްޔަށް ޒިޔާރަތްކުރަން ޖެހޭ ސަބަބުތައް އާދިލް ކިޔައިދެއްވިއެވެ. "މިރަށަކީ ތިން އައިލެންޑެއްގެ އެކްސްޕީރިއަންސް ލިބޭ ރަށެއް. އަނެއްކާ އޮޅުވެލި މިހިސާބަކީ ވަރަށް ޑައިވިންއާއި އެކްސްކާޝަންތަކަށް ވަރަށް ރީތި ހިސާބެއް. ދެން އަޅުގަނޑުމެންގެ ވަރަށް މުހިންމު އެއްޗެއް އެއީ މަންތާ ޕޮއިންޓް،" އާދިލް ވިދާޅުވިއެވެ. ސަން ސިޔާމް ގްރޫޕުގެ އެސިސްޓެންޓް ގްރޫޕް ޖެނެރަލް މެނޭޖަރު ހަސަން އާދިލް --ސަންފޮޓޯ/ މޫސާ ނަދީމް ސަން ސިޔާމް ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ އެހެން ރިސޯޓުތަކުން މި އަހަރު އެކަނިވެސް ކާމިޔާބީތައް ހޯދައިފައިވެއެވެ. އެގޮތުން ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ޓްރިޕްއެޑްވައިޒާގެ، ދުނިޔޭގެ އެންމެ މޮޅު 10 ހޮޓެލްތަކުގެ ތެރޭ، ފަސް ތަރީގެ ލަގްޒަރީ ހޮޓެލް، ސިޔާމް ވޯލްޑް ވަނީ ހިމެނިފައެވެ. ހަމައެއާއެކު އެ ރިސޯޓު ވަނީ އޭޝިއާއިން ހަތަރު ވަނަ އަދި މުޅި ރާއްޖެއިން އެއްވަނަ ހޮޓެލްގެ ގޮތުގައި ފަތުރުވެރިން ހޮވައިފައެވެ. އަދި ސަން ސިޔާމް އިރުފުށި މިފަހުން ވަނީ، ޓްރެވެލް އެންޑް ލެޝާ ޗައިނާ ޓްރެވެލް އެވޯޑްސްގެ ރީޑާސް ފޭވަރިޓް އޯވާސީސް ހޮޓަލަކަށް ހޮވައިފައެވެ. ތެލެސީމިއާ ކުދިން، ވަކި ތާވަލަކާ އެއްގޮތަށް އަބަދު ލޭ އަޅަން ޖެހޭއިރު، އެ އެ ކުދިންނަށް ބޭނުންވާ ވަރަށް ލޭ ހޯދުމަށް ދަތިވާ ފަހަރުތައް ވަރަށް ގިނައެވެ. ސަން ސިޔާމް ގުރޫޕު ފަދަ ބޮޑު ކުންފުންޏެއްގެ އެތައް ސަތޭކަ މުވައްޒަފުންނެއް މިގޮތަށް ލޭ ހަދިޔާ ކުރުމަކީ އެފަދަ މީހުންނަށް ބޭނުންވާ ލޭ ފަސޭހައިން ލިބުމުގެ އިންތިޒާމު ހަމަޖެހޭ ކަމެކެވެ. ލޭ ހަދިޔާކުރުމުގެ ހަރަކާތްތައް އޮޅުވެލީގެ އިތުރުން ސަންސިޔާމްގެ އެހެން ރިސޯޓުތަކުގައި އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ