އެމެރިކާގެ ރައީސް ޓްރަމްޕް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމަތީގެ ތިން ގައުމަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.
ސައުދީ ރަސްގެފާނު ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އެ މަނިކުފާނު ވަޑައިގަތުމުން މަރުހަބާ ދެންނެވީ ސައުދީ ވަލީއަހުދު މުހައްމަދު ބުން ސަލްމާނެވެ.
މިއީ އެމެރިކާގެ ރައީސް ޓްރަމްޕް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ބައިނަލްއަގުވާމީ ދަތުރުފުޅެވެ. ޓްރަމްޕް ސައުދީއަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅުގައި ވިޔަފާރި ކޮންފަރެންސަކާއި ރަސްމީ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ޓްރަމްޕްގެ ޕްލޭން ފެށުމަށް ހަމަޖެހިފައި ވަނީ ސައުދީ އަރަބިއްޔާގެ ޝާހީ ކޯޓަށް ކުރައްވާ ރަސްމީ ޒިޔާރަތަކުންނެވެ. އެއަށް ފަހު، މާ ގިނަ އިރުތަކެއް ނުވަނީސް، ސައޫދީ-އެމެރިކާއާ ބެހޭ އިންވެސްޓްމަންޓް ފޯރަމަކަށް މެންދުރު ފަހު ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
އެ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވޭ ބޭފުޅުންގެ ތެރޭގައި ބްލެކްރޮކްގެ ޗެއާމަން އަދި ސީއީއޯ ލެރީ ފިންކް ހިމެނިވަޑައިގަންނަވަ އެވެ. އަދި ސިޓީ ގްރޫޕްގެ ސީއީއޯ ޖޭން ފްރޭޒާާއި އައިބީއެމްގެ ޗެއާމަން، ރައީސް އަދި ސީއީއޯ އަރުވިންދު ކްރިޝްނާ ވެސް ބައިވެރިވަވަޑައިގަންނަވަ އެވެ.
އެ ގައުމުގެ ސިޔާސީ އަދި ތާރީހީ އެންމެ މުހިންމު އެއް ތަން ކަމަށްވާ ދިރިޔާގެ ތުރާފްގައި ބާއްވާ ރަސްމީ ފަރިއްކޮޅެއްގައި ޓްރަމްޕް މިރޭ ބައިވެރިވެވަޑައިގަތުމަށް ވަނީ ނިންމަވައިފަ އެވެ.
ސައުދީ އަރަބިޔާއަށް ފަހު މި ދަތުރުފުޅުގައި ޓްރަމްޕް ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގަތަރާއި ޔޫއޭއީ އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ