އައިފޯނުތަކުގެ އަގު ބޮޑުކުރަން އެޕަލްއިން ވިސްނަނީ

ދުނިޔޭގެ އެންމެ މަޝްހޫރު ސްމާޓްފޯނު ބްރޭންޑް ކަމަށްވާ އެޕަލްއިން، މި އަހަރުގެ ފަހު ކުއާޓަރުގައި ނެރޭ އައިފޯނުތަކުގެ އަގު ބޮޑުކުރުމަށް ވިސްނަމުންދާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ހާމަކޮށްފިއެވެ. ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެޕަލްއިން އަގު ބޮޑުކުރުމަށް ވިސްނަމުންދަނީ އެމެރިކާ އާއި ޗައިނާގެ ދެމެދުގައި ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުންނެވެ. އަލަށް ތަޢާރަފުކޮށްފައިވާ ޓެރިފް ރޭޓްތަކުގެ ސަބަބުން ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލަށް ބޮޑު އަގެއް ދައްކަން ޖެހެއެވެ. އެޕަލްގެ ގިނަ އުފެއްދުންތައް އުފައްދަނީ ޗައިނާގައި ކަން އެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެމެރިކާ އާއި ޗައިނާއާ ދެމެދުގައި އަލަށް ކަނޑައެޅި ޓެރިފް ރޭޓްތަކަށް އަމަލުކުރުން 90 ދުވަހަށް މަޑުޖައްސާލަން އެއްބަސްވެފައި ވީނަމަވެސް، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލަށް 30 އިންސައްތައިގެ ޓެރިފެއް ދައްކަން ޖެހެއެވެ. އެޕަލްގެ އުފެއްދުންތަކުގެ އަގު މައްޗަށްދަނީ މިކަމުގެ ސަބަބުން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް މިދިޔަ މަހު ބުނެފައިވަނީ، ޓެރިފްތަކުގެ ސަބަބުން އޭޕްރިލް މަހުން ޖޫން މަހަށް 900 މިލިއަން ޑޮލަރުގެ އިތުރު ޚަރަދެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި މި މުއްދަތުގައި އެމެރިކާގައި ވިއްކާ ގިނަ އައިފޯނުތައް އުފައްދާނީ އިންޑިއާގައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. މާހިރުން ބުނާ ގޮތުގައި އެޕަލްއިން އަގު މަތިކޮށްފިނަމަ، އެ ކުންފުނީގެ މާކެޓް ޝެއާ ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް ސެމްސަންގް ފަދަ ވާދަވެރި ކުންފުނިތަކުން އާޓިފިޝަލް އިންޓެލިޖެންސް ފަދަ އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރަމުންދާއިރު، އެޕަލްއިން މިފަދަ ކަންކަމުގައި ލަސްވަމުންދާ ކަމަށް ފާހަގަކުރެވެއެވެ. އެޕަލްއިން މި މައްސަލައާ ގުޅޭ ގޮތުން އަދި އެއްވެސް ބަޔާނެއް ރަސްމީކޮށް ނެރެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ