މަޑުއްވަރީ އާ އިންޖީނުގެ ރައީސް ޔާމީން ހުޅުއްވައިދެއްވައިފި

ރ. މަޑުއްވަރީގައި ފެނަކަ ކޯޕަރޭޝަނުން ގާއިމްކުރި އާ އިންޖީނުގެ ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުއްވައިދެއްވައިފި އެވެ.
މަޑުއްވަރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އާ އިންޖީނުގެ ހުޅުއްވައިދެއްވާ ރައީސް ޔާމީން ވިދާޅުވީ މަޑުއްވަރީގައި 24 ގަޑިއިރު ކަރަންޓް ފޯރުކޮށްދޭ އިންޖީނުގެއެއް ގާއިމްކުރެވުމަކީ ރަށުގެ ރައްޔިތުންގެ އަސާސީ ހިދުމަތްތަކަށް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށެވެ.
"އާ އިންޖީނުގެ ފެނަކައިގެ ދަށުން ހިންގި ނަމަވެސް އެެއީ ރައްޔިތުންގެ ތަނެއް. އިންޖީނުގޭގެ ސަބަބުން ފައިދާވާނީ ވަކި ފިކުރެއްގެ ބަޔަކަށް ނޫން،" ރައީސް ވިދާޅުވި އެވެ.
މަޑުއްވަރީގައި އަލަށް ހުޅުވި އިންޖީނުގެ އާއެކު އެރަށުގެ ކަރަންޓްުގެ ކެޕޭސިޓީ 530 ކިލޯ ވޯޓަށް ބަދަލުކުރެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުން މަޑުއްވަރީގައި ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެގޮތުން ކައިރި މުސްތަގުބަލެއްގައި މަޑުއްވަރީ ބަނދަރު ހެދިގެން ދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލް ވިދާޅުވީ މަޑުއްވަރީ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން ތިން ފަހަރެއްގެ މަތިން އެ ރަށަށް އިންޖީނެއް ގެންގޮސް ޒަމާނީ އާ އިންޖީނެއް ހަދާފައިވާ ކަމަށެވެ. އެކަމަށް ހަ މިލިއަން ރުފިޔާ ހަރަދުވި ކަމަށްވެސް ނިމާލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ