ސުޕްރީމް ކޯޓުގެ ފަނޑިިޔާރުންނަށް ނުފޫޒު ފޯރުވަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު އެ ވާހަކަ އެ ގޮތަށް ދެއްކެވީ ސިޔާސީ ބޭފުޅަކަށް ވާތީ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މިނިސްޓަރުންނާ ސުވާލުކުރެވޭ ގޮތަށް ބާއްވަމުން އަންނަ "އަހާ" ފޯރަމްގައި އުޝާމް މިހެން ވިދާޅުވީ ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވިދާޅުވެފައިވާތީ، އެފަދަ ކަމެއް އޭނާ ކުރެއްވިތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މި ތުހުމަތުތައް ދޮގުކުރައްވަމުން އުޝާމް ވިދާޅުވީ ހަގީގަތުގައި ޖުޑީޝަރީއަށް ނުފޫޒު ފޯރުވަނީ ސުއޫދު ކަމަށެވެ. އަދި އޭނާއާ ދިމާވީ ފަހަރުތަކުގައި އާއި އެހެން މީހުން މެދުވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މެސެޖު ފޮނުވައިގެން ވެސް ނުފޫޒު ފޯރުވަން ސުއޫދު މަސައްކަތް ކުރައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކިއެކި ގޮތް ގޮތުން، އެކިއެކި މީހުން މެދުވެރިކޮށް ރައީސްއަށް ފޮނުވާފައި ހުރި މެސެޖުތަކާއި ރައީސްއާ ބައްދަލުވެގެން އެކި ފަހަރު ދަައްކާފައި ހުރި ވާހަކަތަކަށް ބަލާއިރުގައި، ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ އެ ބޭފުޅާ. ޖުޑީޝަރީއަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެ ބޭފުޅާ،" އޭނާ ވިދާޅުވި އެވެ.
އުޝާމްއަށް ކުރެވޭ ތުހުމަތުތައް ދޮގުކުރައްވަމުން އޭނާ ވަރަށް ޔަގީންކަމާއެކީ ވިދާޅުވީ އެއްވެސް ޒަމާނެއްގައި އެއްވެސް ތަނަކުން މި މައްސަލަ ތަހުގީގުކޮށްފި ކަމުގައި ވަނީ ނަމަ އޭނާއަށް ޖަވާބުދާރީ ވެވޭނެ ކަމަށެވެ.
ބަންޑާރަ ނައިބު މި މޭރުމުން ވާހަކަތައް ދައްކަވާ، ސަރުކާރަށް ތާއީދުކުރާ މީހުން ބުނާހެން ސުއޫދަކީ ސިޔާސީ މީހެއް ކަމަށް ވިދާޅުވީއިރު، ސުޕްރީމް ކޯޓުން އިސްތިއުފާ ދެއްވި ސިޓީގައި ސުއޫދު ވަނީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު އެ ކޯޓުގައި ބެލޭނެ ކަމަށް ނިންމި ހިސާބުން އުޝާމް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް ބަޔާންކުރައްވާފަ އެވެ.
ސުއޫދުގެ އިތުރުން، ސުޕްރީމް ކޯޓުން ސަސްޕެންޑުކޮށްފައިވާ، އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަކިކުރަން ނިންމައި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެކަމަށް ތާއީދުކޮށްފައިވާ، ޑރ. އަޒްމިރަލްދާ ޒާހިރު އޭނާއަށް ކުރި ތުހުމަތު ވެސް އުޝާމް ވަނީ ދޮގުކުރައްވާފަ އެވެ.
ސުޕްރީމް ކޯޓަށް ނުފޫޒެއް ނުފޯރުވަން، ނުފޫޒު ފޯރުވީ ސުއޫދު: އުޝާމް ސުޕްރީމް ކޯޓަށް ނުފޫޒެއް ނުފޯރުވަން، ނުފޫޒު ފޯރުވީ ސުއޫދު: އުޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ