މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށީ ވެސް ކަމާ ގުޅުންހުރި ހުރިހާ އިދާރާއެއް އެއް ފުރާޅެއްގެ ދަށަށް ގެނެސްގެން ކަމަށާއި އެންމެ އިސްކަން ދެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އަތުލައިގަތުމަށް ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނު މިރޭ ވިދާޅުވެއްެޖެ އެވެ.
ވީ ކިހިނެއް؟ - ވަޒީރުންނާ ސުވާލުކުރަން ބާއްވާ 'އަހާ ފޯރަމް'ގެ ފަސް ވަނަ އެޕިސޯޑުގައި އާންމުންގެ މީހަކު ފޮނުވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މިރޭ ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ފާއިތުވި 18 މަސް ތެރޭ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
ތަފްސީލް - މިނިސްޓަރު ވިދާޅުވީ އެ މުއްދަތުގައި:
700 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވޭ
އެއީ މަގުމަތީ އަގުން ބަލާ ނަމަ 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި
މާލެ އާއި ރަށްރަށަށް ބަނގުރާ އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން 9،000އަށް ވުރެ ގިނަ ބަނގުރާ ފުޅި އަތުލައިގަނެފައިވޭ
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބޯޑަރުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ޕޯސްޓުން އަންނަ ޕެކޭޖުތައް ސްކޭނުކުރުމަށް މިހާރު ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ވައިގެ މަގުން އަންނަ ޕެކޭޖުތައް ވެސް ބަލަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސީ ކާގޯގައި މިހާރު މި އަންނަ ކޮންޓެއިނާތައް ސްކޭނުކުރުމަށް ކޮންޓެއިނާ ސްކޭނަރެއް ހޯދުމުގެ މަސައްކަތް މި އަންނަނީ ކުރަމުން. އެހާ ހިސާބުން ސީ ބޯޑަރުން [މަސްތުވާތަކެތި] އެތެރެވުން ހައްލު ކުރެވޭނެ،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އިސްކަން ދެނީ މަސްތުވާތަކެތި ފަހާ ދުވުމަށް ވުރެ އެ ތަކެތި ސަޕްލައި ކުރުން މަދުކުރުމަށް ކަމަށެވެ.
"އެކަން ކުރާއިރު އަޅުގަނޑުމެން މަސްތުވާތަކެތި ފަހާ ދުވުމަށް ވުރެ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އަތުލައިގަންނަނީ،" އޭނާ ވިދާޅުވި އެވެ.
މުޅި ރާއްޖެއަށް ފުޅާކޮށްގެން ތަހުގީގުތަކެއް ކުރަމުން އަންނަ ކަމަށާއި މަނީ ލޯންޑްރިންގެ މައްސަލަތަކުގެ ގޮތުގައި މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މަސްތުވާތަކެތި ވިއްކާ މީހުން އަދި އޭގެ އެންމެ މުލުގައި ތިބޭ މީހުން މަސްތުވާތަކެއްޗާ އެކުގައި އެ އެއްޗެހި ވިއްކަމުންނެއް ނުދޭ. އެ އެއްޗެހި އެ މީހުން ވިއްކަނީ ދެތިން ލޭޔަރު އަޅައިގެން އެ މީހުން ލައްވާ. ގިނަ ފަހަރަށް ޕޮލިސް އޮޕަރޭޝަންތަކުން އަތުވެފައި އޮންނަނީ އޭގެ މެދުތެރޭ ތިބޭ މީހުން ނުވަތަ އެންމެ ދަށުގައި ހުންނަ މީހާ،" އިހުސާން ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން މިހާރު ފައިސާ ފޮލޯކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ގަބޫލު ކުރެވޭ އަދި އަތޮޅުތެރޭގައި މަސްތުވާތަކެތީގެ ވިއުގަތައް ހިންގާ އެންމެ ބޮޑެތި މީހުން މި ހޯދަނީ. ހޯދާފައި އެ މީހުންނާ މެދު އަޅުގަނޑުމެން ގާނޫނީ ފިޔަވަޅު މި އަޅަނީ."
އެ މީހުންގެ ފައިސާ ހިފަހައްޓައި އެ މީހުންގެ ވިޔަފާރިތައް ހުއްޓުވާނެ ކަމަށާއި އޭގެ ޕައިލެޓް އޮޕަރޭޝަނެއް ފުވައްމުލަކުގައި ކުރިއަށް ގެންގޮސްފައިވާކަން އިހުސާން ވިދާޅުވި އެވެ. އެ ރަށުގައި މަސްތުވާތަތީގެ ވިޔަފާރީގައި އެންމެ މަތީގައި ތިބި ދެ މީހުން އަތުލައިގަނެފައިވާކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ އެ މީހުންގެ މައްސަލަތައް ކޯޓުތަކުގައި ކުރިއަށް އެބަދާ ކަމަށެވެ.
"މިގޮތަށް އަޅުގަނޑުމެން މިހާރު މުޅި ދިވެހިރާއްޖެއަށް ފުޅާކޮށްގެން މައްސަލަތައް އެބަގެންދަން. މީގެ ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ، އެކި ނަންނަމުގައި އެކި ވިޔަފާރިތަކުގެ ފަހަތުގައި ތިބެ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މިކަން ދެނެއް ނުކުރެވޭނެ ރާއްޖޭގައި،" އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ ފަހަތުން ގޮސްގެން މަސްތުވާތަކެތީގެ ސަޕްލައި މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނެ ކަމަށެވެ.
މީގެ އިތުރުން، މަސްތިވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާ ދޭނެ ވަސީލަތްތައް ވަރުގަދަކޮށް، ޖުމްލަ ނަތީޖާ ހޯދޭނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އެންމެ އިސްކަންދެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހުއްޓުވަން: އިހުސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ