މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަށް ދޫކޮށްފައިވާ ދެ ރަށެއް ސަރުކާރަށް ނެގީ އުސޫލުގެ ދަށުން ކަމަށާ އެއީ ސިޔާސީ ނިންމުމެއް ނޫން ކަމަށް އެގްރީކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިރޭ ވިދާޅުވެއްޖެ އެވެ.
ސިޔާމްގެ ސަން ޓްރެވަލްސް އަށް ދޫކޮށްފައިވާ އުއްދޫ އާއި މިނާވަރު ސަރުކާރަށް ނަގަން ވަނީ ނިންމާފަ އެވެ. އެއީ ސިޔާސީ ނިންމުމެއް ކަމަށް ބުނެ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.
އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން މިރޭ އޮތް "އަހާ" ފޯރަމް ގައި މިނިސްޓަރު ވިދާޅުވީ އެއީ ސިޔާސީ ނިންމުމެއް ނޫން ކަމަށެވެ. އަދި ދެ ރަށް ވެސް ނެގީ ގާނޫނާާއި އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
Advertisement
"އެ ދެ ރަށް އަޅުގަނޑުމެން އަތުލީ ހަމަ އުސޫލުގެ ދަށުން އެނގޭތޯ. ބަންޑާރަ ނާއިބުގެ ލަފަޔާ އެކީ އަދި ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކާ އެކީ," މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަމަށް ވަރަށް ގިނަ ރަށްތައް ދޫކޮށްފައިވާ ކަމަށެވެ. އެ ރަށްތައް ދޫކޮށްފައި ވަނީ ވަރަށް މުހިންމު މަގުސަދުތަކެއް ހާސިލު ކުރުމަށް ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެ މިނިސްޓްރީގެ ސާވޭ ޓީމުތަކާއި މޮނިޓަރިން އިން ނެގުނު ގޮތުގައި މަގުސަދު ހާސިިލުވާ ގޮތަށް ކަންކަން ކުރަމުން ނުގެންދާ ކަމަށެވެ.
ސިޔާމްގެ ދެ ރަށުގައި ވެސް ކަން އޮތީ އެހެން ކަމަށް ވިދާޅުވި އެވެ.
މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ ސިޔާސީ ބޭފުޅަކު ހިންގާ ވިޔަފާރި އަކަށް ދީފައި އޮތް ރަށެއް ނަމަވެސް އުސޫލާއި ހިލާފުވުމުން ނަގާނެ ކަމަށެވެ. އެކަމުގައި ސަރުކާރުން ގާނޫނާއި ހިލާފު ނުވާނެ ކަމަށް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ ސަން ޓްރެވަލްސް އަށް އުއްދޫ ދީފައިވަނީ 25 އަހަރަށެވެ. އެ މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވި އެވެ. އެ ރަށް އެ ކުންފުނިން ނެގީ ނޫން ކަަމަށާ އެގްރީމަންޓް ހަމަވުމުން އާ ނުކުރަން ނިންމީ ކަމަށް ވިދާޅުވި އެވެ.
އެޓާނީ ޖެނެރަލް އަހްމަދު އުޝާމް
އަދި ދެން އުއްދޫ އޮންނާނީ ދ އަތޮޅު ރައްޔިތުން ދަތުރުދާން ހާއްސަ ރަށެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
އުޝާމް ވިދާޅުވީ މިނާވަރާ އެއްބަސްވުން ބާތިލުކުރަން ނިންމީ ނޯޓިސް ދިނުމަށް ފަހު ކަމަށެވެ. އަދި އެކަމުގައި އުސޫލާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ވަރަށް ގިނަ ރަށްތަކުގައި އެ މަސައްކަތް ނުކޮށް އެހެން މަސައްކަތްތަކަށް ބޭނުން ކުރަމުންދާ ކަމަށާ އެފަދަ ހުރިހާ ރަށެއް ނަގާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓޫރިޒަމަށް ދޫކޮށްފައިވާ ވަރަށް ގިނަ ރަށްތަކާއި ފަޅުތައް ވެސް ނުހެދި އެބަހުރި ކަމަށެވެ. އެ ރަށްތަކާއި ފަޅުތައް ވެސް އުސޫލުގެ ތެރެއިން ނަގަމުންދާނެ ކަމަށް ވިދާޅުވި އެވެ.
ސިޔާމް ކުންފުނިން ދެ ރަށް ނަގަނީ އުސޫލުގެ ދަށުން: މިނިސްޓަރު މާރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ