މަސްތުވާތަކެތި ހުއްޓުވުމަށް އޭގެ ވިޔަފާރި ކުރާ މީހުން އަތުލައިގަނެ އެ މީހުން ހިންގާ ވިޔަފާރިތައް ހުއްޓުވާ އެ މަސައްކަތުން ހޯދާފައިވާ މުދާ ދައުލަތަށް ނަގާނެ ކަމަށާ މަސްތުވާތަކެތީގެ މައްސަލައަށް މި ދައުރުގެ ތެރޭގައި ބޮޑު ހައްލެއް ގެނެވޭނެ ކަަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރުންގެ "އަހާ" ފޯރަމްގައި މީހަކު ވަނީ މަސްތުވާތަކެތީގެ މައްސަލަ މި ދައުރުގެ ތެރޭގައި ހައްލު ކުރައްވާނެ ކަމަށް ވިދާޅުވަނީ ކޮން ސިޔާސަތެއް ތަންފީޒު ކޮށްގެންތޯ ސުވާލު ކޮށްފަ އެވެ. މިނިސްޓަރު ވަނީ ވަރަށް ތަފްސީލުކޮށް އެ ސުވާލަށް ޖަވާބު ދެއްވާފަ އެވެ.
ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މަސްތުވާތަކެތި ފަހާ ދުވުގެ ބަދަލުގައި އެ ވިޔަފާރީގެ ބޮޑުން ހިފާ ހައްޔަރުކުރުން ކަމަށެވެ. މައްސަލަ ހައްލު ކުރުމަށް އޮތް އެންމެ ރަނގަޅު ސިޔާސަތަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.
Advertisement
އަދި ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާމީހުން ހައްޔަރުކޮށް އެ މީހުންގެ އަތުން އެވިޔަފާރީން ހޯދި ފައިސާ އަތުލާ ހޯދާފައިވާ މުދާ ދައުލަތަށް ނަގަން ފެށުމުން އެ ވިޔަފާރި ހުއްޓުމަކަށް އަންނާނެ ކަމަށެވެ.
"މަސްތުވާތަކެތީގެ ފަހާ ދުވުމުގެ ބަދަލުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ހިފާ ހައްޔަރުކޮށް ހުއްޓުވުމަށް އަޅުގަނޑުމެން މި ސަމާލުކަން ދެނީ," މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން މިރޭގެ ފޯރަމްގައި ވާހަކަ ދައްކަވަނީ
މިނިސްޓަރު ވިދާޅުވީ އެކި ވިޔަފާރިތަކުގެ ފަހަތުގައި ފިލާ ތިބެގެން މަސްތުވާތަކެތި ވިޔަފާރި ކުރާ މީހުންނަށް ދެން އެ ފުރުސަތު ނޯންނާނެ ކަަމަށެވެ. މިސާލެއްގެ ގޮތުން ނެންގެވީ ފުވައްމުލަކުގައި ފުލުހުން ހިންގި އޮޕަރޭޝަނެވެ. ވިދާޅުވީ އެ އޮޕަރޭޝަންގައި ފުވައްމުލަކުގައި އެެންމެ އިސްކޮށް އުޅޫނު ދެ މީހުން ހައްޔަރުކޮށް މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެ މީހުންގެ މުދާލާއި ފައިސާ ދައުލަތަށް ނެގުމަށް ދައުވާ ކޮށްފައިވާ ކަމަށެވެ.
"އެ މީހުން ފަހާ އަޅުގަނޑުމެން ދުވާނީ. އެ މީހުން އަޅުގަނޑުމެން ހުއްޓުވާނީ," މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަަސްތުވާތަކެއްޗާއި ދެކޮޅަށް މިދިޔަ 18 މަސް ދުވަހު ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން މިހާތަނަށް 700 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައިވާކަން ފާހަގަ ކުރެއްވި އެވެ. އެއީ މަގުމަތީ އަގުން ނަމަ 1.4 ބިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން ބަނގުރާ ހުރި 9000 ވުރެ ގިނަ ރާފުޅި އަތުލައިގެންފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކަނޑުމަގުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކޮންޓެއިނާ ސްކޭނަރެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ޑްރަގް މައްސަލަ ހައްލުކުރާނަން، ޑްރަގް ބޮޑުން ހައްޔަރުކޮށް މުދާތައް ދައުލަތަށް ނަގަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ