ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ހިންގުމުގެ އެންމެހާ ކަންކަން އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވާއިރު، ހައިކޯޓުންނާއި ސުޕްރީމް ކޯޓުންވެސް އެ ހުކުމް ދަމަހައްޓާފައި ވަނިކޮށް، އެ ހުކުމަށް ތަބާވުމުގެ ބަދަލުގައި ޕާޓީ ހިންގުމައިގެން ކުރިޔަށް ވަޑައިގަތުމަށް ރައީސް މައުމޫން ނިންމަވައިފިއެވެ.
ރައީސް މައުމޫން ފެކްޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ހަޔާތުން ފާއިތުވެ ދިޔަ ފަސް އަހަރަކީ ކާމިޔާބު ފަސް އަހަރު ކަމަށެވެ.
އެހެންނަމަވެސް، އެ ޕާޓީއިން ހޯދި އެއްވެސް ކާމިޔާބީއެއްގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި ރައީސް މައުމޫން މުޅިންވެސް ވިދާޅުވީ އެ ޕާޓީގެ ވެރިކަމުގައި ހިނގާފައިވާ ވިޔާނުދާ ކަންކަން ކަމަށް އެމަނިކުފާނު ލިސްޓުކުރައްވާފައިވާ ކަންކަމެވެ.
ވަކިން ޚާއްސަގޮތެއްގައި ރާއްޖޭގެ ޑިމޮކްރެސީ ނެތެމުން ދާކަމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ވަކި ބަޔަކު ހަމަޖައްސާފައިވާ ކަމަށާއި ރާއްޖޭގައި ހިނގި ކޮރަޕްޝަނުގެ އެންމެ ބޮޑު އަމަލު ހިނގާފައި ވަނީވެސް، ރައީސް މައުމޫން ފާހަގަކުރެއްވި ގޮތަށް ބަލާއިރު، މި ފަސް އަހަރުގެ ތެރޭގައެވެ.
ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމް ހަލާކު ކުރީ ޕީއޭގެ މެންބަރުން އައިސް (އެމަނިކުފާނު ޕީޕީއެމްގެ ރައީސަކަށް ހުންނަވަނިކޮށް) ޕީޕީއެމްގެ ތެރެޔަށް ވަދެގެން ކަމަށެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހުގެ ފަހުން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި އޮތީ ޕީޕީއެމް އިން ކޮންޓްރޯލް ކުރަމުން ދިޔަ ސަރުކާރަކަށް ވެފައި، 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިރާއްޖޭގައި ކުރިޔަށް މިދަނީ ޕީޕީއެމްގެ ސަރުކާރަކަށް ވާއިރު، މި ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ޕީޕީއެމް ކާމިޔާބުކަމަށް އެޕާޓީގެ ރައީސް ވިދާޅުވި ނަމަވެސް، ލިސްޓުކުރެއްވީ ހުސް ވިޔާނުދާ ކަންކަން ކަމަށްވެފައި، ފަސް އަހަރު ނިމުނު އިރު އެ ޕާޓީ ބައިބައިވެ، އެއްކޮށް ރޫޅިފައިވާއިރު، އެކަމަށް ކިޔަނީ "ކާމިޔާބުކަން" ތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލުކުރަމުންނެވެ.
ޕީޕީއެމްގެ 5 އަހަރު ކާމިޔާބު. ޕީޕީއެމް ހަލާކުކުރީ ޕީއޭ އިން - ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ