ވެރިކަން ކުރާ ޕީޕީއެމް ދަނީ ދުވަހަކަށް ވުރެ ދުވަހަކު ވަރުގަދަ ވަމުން ކަމަށް އެޕާޓީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ޕީޕިއެމްގެ ފަސް ވަނަ އަހަރީ ދުވަހާއި ގުޅިގެން ޕާޓީގެ މެންބަރުންނަށް މަރުޙަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.
ޕީޕީއެމް ދަނީ ވަރުގަދަ ވަމުން ކަމަށް ރައީސް މައުމޫން ވިދާޅުވި ނަމަވެސް ދުވަހަކު ވެސް ޕީޕީއެމްގެ އެތެރޭގެ މަސްލަހަތު ގޯސްނުވާ ވަރަށް މިހާރު ވަނީ މަސްލަހަތު ގޯސްވެފައެވެ. ކޯޓުގެ ޙުކުމަކާއި އެއްގޮތައް ރައީސް ޔާމީންގެ ބެލުމުގެ ދަށުން "ސައްހަ ޕީޕީއެމް" ހިނގަމުންދާ ކަަމަށް ރައީސް ޔާމީންގެ ސަޕޯޓަރުން ގަބޫލު ކުރައްވާއިރު ރައީސް މައުމޫން ދަނީ އެމަނިކުފާނަށް ތާއިދު ކުރައްވާ ކައުންސިލް މެންބަރުންނާއި އެކު ވަކިން ކައުންސިލް ބައްދަލުވުންތައް ބާއްވަވާ ނިންމުންތައް ނިންމަވަމުންނެވެ.
ޕީޕީއެމް ވަރުގަދަ ވަމުންދާ ކަމަށް ރައީސް މައުމޫން މިއަދު ވިދާޅުވިއިރު އެމަނިކުފާނު ވަނީ ޕީޕީއެމްގައި ދެފަޅި ނެތް ކަމަށް ވެސް އިއްޔެ ރޭ ވިދާޅުވެފައެވެ. ރައީސް މައުމޫން ވިދާޅުވެފައި ވަނީ ޕީޕީއެމްގައި އޮތީ ހަމައެކަނި މެންބަރުން އިންތިޚާބު ކުރެއްވި ރައީސް ހުރި ފަޅި ކަމަށާއި ޕީޕީއެމް އަކީ އެއްލީޑަރެއްގެ ފަހަތުގައި އޮތް އެއް ޕާޓީ ކަމަށެވެ.
ޕީޕީއެމްގެ މުސްތަޝާރުގެ ބެލުމުގެ ދަށުން ކައުންސިލް ބައްދަލުވުމެއް ބާއްވަން ސިވިލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ވެސް މިހާރު ތާއިދު ކޮށްފައި ވާއިރު ރައީސް މައުމޫންގެ ފަރާތްޕުޅުން އެމައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާފައެވެ.
ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރައީސް މައުމޫންގެ ފެކްޝަނުން ބާއްވަވާ ޖަލްސާއެއް މިރޭ ހ.ތެމާގައި ހުންނަ ޕީޕީއެމްގެ އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޕީޕީއެމް ދަނީ ދުވަހަކަށް ވުރެ ދުވަހަކު ވަރުގަދަ ވަމުން – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ