ވޯލްޑް ކަޕް 2018 ފެށެން 100 ދުވަސް: މުބާރާތަށް ކުރު ގޮތަކަށް ބަލާލުން

މި އަހަރުގެ ޖޫން 14 އިން ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާގައި ބާއްވާ ވޯލްޑްކަޕް ފެށެން 100 ދުވަހަށް ވެފައިވާއިރު، މިފަހަރުގެ މުބާރާތް އެހެން މުބާރާތްތަކާ އަޅާ ބަލާއިރު އެތައް ގޮތަކުންވެސް ތަފާތެވެ. ބައިވެރިވާ ޓީމުތަކުގެ އަދަދުވެސް ގިނައެވެ. އަދި އަލަށް ކޮލިފައިވި ޓީމުތައްވެސް ގިނައެވެ.
މުބާރާތް ހޮސްޓްކުރުމުގެ ފުރުސަތު ރަޝިއާ އަށް ލިބިފައިވަނީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. މިފަހަރު ވޯލްޑްކަޕް ވެގެންދާނީ ޔޫރަޕްގައި 2006 ވަނަ އަހަރަށްފަހު ބާއްވާ ފުރަތަމަ ވޯލްޑް ކަޕަށެވެ. އެފަހަރު މުބާރާތް ބޭއްވީ ޖަރުމަނުގައެވެ.
މިފަހަރު އެހެން އަހަރުތަކާ ހިލާފަށް ވޯލްޑްކަޕްގައި 32 ޓީމު ވާދަކުރާނެއެވެ. އެއީ މުބާރާތް ބާއްވާ ގައުމާއެކު ކޮލިފައިން ކުޅެގެން ޖާގަ ހޯދި 31 ޓީމެވެ. އޭގެ ތެރޭގައި އައިސްލޭންޑް އަދި ޕެނަމާ އަކީ މުބާރާތުން މުޅިން އަލަށް ޖާގަ ހޯދި ދެޓީމެވެ. އޭގެ ތެރެއިން އައިސްލޭންޑަކީ މުބާރާތުގައި ވާދަކުރާ އެންމެ އާބާދީ ކުޑަ ގައުމެވެ. މުބާރާތުގައި ޖުމްލަ 64 މެޗު ކުޅެން ޖެހޭއިރު، އެ މެޗުތައް ކުޅޭނީ 11 ސިޓީއެއްގެ 12 ދަނޑުގައެވެ.
މިފަހަރުގެ ވޯލްޑްކަޕް ކޮލިފައިން ޕްރޮސެސްގައި އެހެން އަހަރުތަކާ ހިލާފަށް ފީފާގައި ރަޖިސްޓްރީކޮށްފައިވާ 209 ގައުމުން ބައިވެރިވިއެވެ. އެހެންނަމަވެސް ކޮލިފައިންގެ ފުރަތަމަ މެޗު ފެށުމުގެ ކުރިން އިންޑޮނޭޝިއާ އަދި ޒިމްބާބްވޭ މުބާރާތުން ޑިސްކޮލިފައިކުރިއެވެ. ފީފާގެ މެމްބަރެއްގެ ގޮތުގައި 2016 ވަނަ އަހަރު ރަޖިސްޓްރީކުރި ޖިބްރަލްޓާ އަދި ކޮސޯވޯ އަށް ކޮލިފައިންގައި ވާދަނުކުރެވުނީ ޔޫރަޕިއަން ކޮލިފައިން ބުރު ފެށި ފަހުން އެޓީމުތައް ރަޖިސްޓްރީވުމުންނެވެ.
ދިގު މުއްދަތަކަށްފަހު މުބާރާތުގައި މިފަހަރު ވާދަކުރާ ޓީމުތަކުގެ ތެރޭގައި އިޖިޕްޓް، މޮރޮކޯ އަދި ޕެރޫ ހިމެނެއެވެ. އޭގެ ތެރެއިން 36 އަހަރު ފަހުން މުބާރާތުގައި ޕެރޫ ވާދަކުރާއިރު، އިޖިޕްޓް ވާދަކުރަނީ 28 އަހަރު ފަހުންނެވެ. އަދި މިއީ ތިން "ނޯޑިކް" ގައުމު އަދި ހަތަރު އަރަބި ގައުމު ވާދަކުރާ ފުރަތަމަ ވޯލްޑްކަޕެވެ.
ހަތަރު ފަހަރު ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އިޓަލީ މިފަހަރު ވޯލްޑްކަޕަށް ކޮލިފައިނުވާއިރު، މިއީ 1958 ވަނަ އަހަރަށްފަހު އެޓީމު ކޮލިފައިނުވި ފުރަތަމަ ފަހަރެވެ. މީގެއިތުރުން ނެދަލޭންޑްސް، ކެމަރޫން، ޗިލީ، ނިއުޒިލޭންޑް، އެމެރިކާ، ގާނާ އަދި އައިވަރީ ކޯސްޓްވެސް މުބާރާތަށް ކޮލިފައިވެފައެއް ނުވެއެވެ.
ތިރީގައި މި ވަނީ ވޯލްޑްކަޕް ގްރޫޕްސްޓޭޖުގައި ކުޅުމަށް ޓީމުތައް ބެހިގެންދިޔަ ގޮތެވެ.
ގްރޫޕް އޭ: ރަޝިޔާ، ސައުދީ އަރަބިއްޔާ، މިސްރު، އުރުގުއޭ
ގްރޫޕް ބީ: ޕޯޗުގަލް، ސްޕެއިން، މޮރޮކޯ، އީރާން
ގްރޫޕް ސީ: ފްރާންސް، އޮސްޓްރޭލިޔާ، ޕޭރޫ، ޑެންމާކް
ގްރޫޕް ޑީ: އާޖެންޓީނާ، އައިސްލޭންޑް، ކްރޮއޭޝިއާ، ނައިޖީރިއާ
ގްރޫޕް އީ: ބްރެޒިލް، ސްވިޓްޒަލޭންޑް، ކޮސްޓަރީކާ، ސާބިއާ
ގްރޫޕް އެފް: ޖަރުމަނު، މެކްސިކޯ، ސްވިޑަން، ދެކުނު ކޮރެއާ
ގްރޫޕް ޖީ: ބެލްޖިއަމް، ޕެނަމާ، ޓިއުނީޝިއާ، އިންގްލޭންޑް
ގްރޫޕް އެޗް: ޕޮލޭންޑް، ސެނެގާލް، ކޮލަމްބިއާ، ޖަޕާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ