ވޯލްޑް ކަޕް 2018 ފެށެން 98 ދުވަސް: ރަޝިއާއިން މުބާރާތައް ބޮޑެތި ތައްޔާރީތަކެއް

ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް މިއަހަރު ބާއްވާ ގައުމަކީ ރަޝިއާ އެވެ. ފުޓުބޯޅައިގައި ވަރުގަދަ ބާރަކަށް ނުވި ނަމަވެސް ރަޝިއާ އަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ހައިބަތު ބޮޑު ގައުމެކެވެ. އަދި ސިޔާސީ ގޮތުން ޔޫރަޕުގެ ގައުމުތަކުގެ މެދުގައި އެންމެ މައްސަލަ ބޮޑު އެއް ގައުމަކީވެސް ރަޝިއާ އެވެ. މި ހުރިހާ ކަމަކާއެކު މިއަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕަކީ އެ ހުރިހާ ސިޔާސީ މައްސަލައަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް ކަމާބެހޭ މާހިރުން ގަބޫލުކުރެއެވެ.
މިއަހަރުގެ ވޯލްޑްކަޕް ރަޝިއާގައި ބާއްވަން ނިންމުމާއެކު އެ ގައުމުން ދަނީ މި މުބާރާތައް ބޮޑެތި ތައްޔާރީތަކެއް ވަމުންނެވެ. ހާއްސަކޮށް އެ ގައުމުގެ ރައީސް ވްލެޑިމިއަރ ޕުޓިން ވަނީ މި މުބާރާތައް ހާއްސަ ކޮމެޓީއެއް އެކުލަވާލާ މުބާރާތައް ވާންޖެހޭ ބޮޑެތި ތައްޔާރީތަކެއް ވެފައެވެ. މި މުބާރާތައް ރަޝިއާއިން އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައ ކުރަމުންދާ މަސައްކަތަކީ މުބާރާތައް ހާއްސަކޮށް އެ ގައުމުގައި އަޅާ ސްޓޭޑިއަމްތަކެވެ. ޖުމްލަ 12 ސްޓޭޑިއަމެއްގައި މި މުބާރާތުގެ މެޗުތައް ކުޅޭނެއެވެ.
މުބާރާތަށް ހާއްސަކޮށް ރަޝިއާއިން ތައްޔާރުކުރި ސްޓޭޑިއަމްތަކަކީ ވެސް ފާހަގަކޮށްލެވޭ ސްޓޭޑިއަމް ތަކެކެވެ. އެގޮތުން މިހާރު ހަދަމުންދާ އަދި ނިމިފައިވާ ސްޓޭޑިއަމްތަކަށް ބަލާއިރު ގިނަ ސްޓޭޑިއަމްތަކެއް އަދިވެސް ނުނިމެއެވެ. މުބާރާތައް ހާއްސަކޮށް ހަދާ ސްޓޭޑިއަމްތަކުގެ ތެރެއިން މިހާތަނަށް މަސައްކަތް ނިންމާފައިވަަނީ ރަޝިއާގެ ސެއިންޓް ޕީޓަސްބާގް ގައި ހެދި ސެއިންޓް ޕީޓަސްބާގް ސްޓޭޑިއަމެވެ. ސްޓޭޑިއަމް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާ 7 ސްޓޭޑިއަމެއްގެ މަސައްކަތް އަދިވެސް ދަނީ ކުރިޔަށެވެ. މި ސްޓޭޑިއަމްތައް ތައްޔާރުކުރަނީ ދުނިޔޭގެ ނަން މަޝްހޫރު ސްޓޭޑިއަމްތައް ތައްޔާރުކުރި ޓީމުތަކާއި ރަޝިއާގެ ފަންނީ މާހިރުންނާ އެކުގައެވެ. މިކަމަށް ހާއްސަކޮށް ރަޝިއާ ސަރުކާރާއި ފީފާ ގުޅިގެން ވަނީ ހާއްސަ ޓާސްކް ފޯސް އެއްވެސް އެކުލަވާލާފައެވެ.
ވޯލްޑްކަޕް ކުޅޭ ސްޓޭޑިއަމްތަކުގެ ތެރެއިން އެންމެ ބޮޑު ސްޓޭޑިއަމަކީ އެގައުމުގެ ވެރިރަށް މޮސްކޯގައި ހުންނަ ލުޒްނިކީ ސްޓޭޑިއަމެވެ. މިއީ އެ ގައުމުގެ އެންމެ ގިނަދުވަސްވީ ސްޓޭޑިއަމެވެ. މި ސްޓޭޑިއަމް ހުޅުވާފައިވަނީ 1956 ވަނަ އަހަރުގައެވެ. 80،000 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްގައި ގިނަ މެޗުތަކެއް ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ، މީގެތެރެއިން މުބާރާތް ހުޅުވާ މެޗުގައި ސައުދީ އަރަބިއާ އާއި ރަޝިއާ ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ. މުބާރާތް ކުޅޭ ސްޓޭޑިއަމްތަކުގެ ތެރެއިން އެންމެ ކުޑަ ސްޓޭޑިއަމަކީ މުބާރާތައް ހާއްސަކޮށް ތައްޔާރުކުރާ ސްޓޭޑިއަމްތަކުގެ ތެރެއިން ކަލިނިންގާޑް ސްޓޭޑިއަމެވެ. މި ސްޓޭޑިއަމަށް އެއްފަހަރާ 35212 މީހުންނަށް ކުޅިބަލަން ވަދެ ތިބެވެއެވެ.
މުބާރާތާއި ދިމާކޮށް ރަޝިއާއިން ސަލާމަތީ ފިޔަވަޅުތައްވެސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ހާއްސަކޮށް ޓެރަރިސްޓް ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު މިދިޔަ އަހަރު ދީފައިވާއިރު އެގައުމުން ދަނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ފީފާ ވޯލްޑް ކަޕް ދުވަސްވަރު ޓެރަރިޒަމް ހަމަލާއެއް ދޭނެ ކަމަށް ބުނެ އެކި ގްރޫޕްތަކުން އިންޒާރު ދެމުން އަންނައިރު އެކަންތައް ކާމިޔާބުވިޔަ ނުދޭން އެޅެން އޮތް ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ރަޝިއާއިން ބުނެއެވެ.
ޖޫން 14 އިން ޖުލައި 15 އަށް ކުރިއަށްދާ މުބާރާތުގައި ދުނިޔޭގެ ތަފާތު އެކި ގައުމުތަކުން ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުންގެ ގޮތުގައި ރަޝިއާ އަށް އެތައް މިލިއަން މީހުން ދާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އެހެންކަމުން އެގައުމުގެ ސަރުކާރުން ވަނީ ސްޕޯޓަރުންނަށް ހާއްސަ ކަންތައްތަކެއްވެސް ކުރުމަށް ތައްޔާރުވަމުންނެވެ. އެގޮތުން ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން އެގައުމަށް އަންނަ މެހެމާނުންނަށް ހާއްސަ އައިޑީ ކާޑެއް ދިނުމަށް ރަޝިއާ ސަރުކާރުން މިހާރު ދަނީ މަޝްވަރާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ