ރައީސް ޔާމީން ނޫން އެހެން ވެރިއެއް ރައްޔިތުން މިއަދު ބޭނުމެއްނުވޭ - މިނިސްޓަރ ތޯރިގް
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިވެހިރާއްޖެއަށް ތަރައްގީގެނެސްދެއްވަނީ އެމަނކުފާނަށް ދިމާވާ އެތަކެއް ދުއްތުރާތަކެއް ކަޑައްތުކުރެއްވުމަށް ފަހުގައި ކަމަށް ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ. މ. މުލަކުގައި ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖެއަށް ރައީސް ޔާމީން ގެނެސްދެއްވަމުން ގެންދަވާ ތަރައްގީ އޮތީ ފެންނަން ކަމަށެވެ. އަދި އެމަނިކުފާނު ނޫން އެހެން ލީޑަރެއް ރައްޔިތުން ބޭނުން ނުވާކަމަށްވެސް ވިދާޅުވިއެވެ. މ. މުލަކަކީ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި އަޅާލި ރަށެއް ނޫންކަމަށް ވިދާޅުވެ މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ ޒަޢާމަތުގައި މުލަކަށް އަސާސީ ޙިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދެއްވައިފިކަމަށެވެ. އެގޮތުން ރައްކާތެރި ފެނުގެ ނިޒާމާއި ނަރުދަމާގެ ޙިދުމަތްތައް މިއަދު މުލަކު ރައްޔިތުންނަށް ލިބޭނޭ ކަމަށް. އެހެންކަމުން ރައީސް ޔާމިން ތަރައްގީ ގެނެސްދެއްވަނީ ވަކި ރަށެއް، އަދި ވަކި ބަޔަކަށް ނޫންކަން ރައީސް ސާބިތުކޮށްދެއްވައިފިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ދެވަަނަ ދައުރަކަށް އިންތިޚާބު ކުރަންޖެހޭ ކަމަށާއި ސަބަބަކީ ދިވެހި ރައްޔިތުންނަށް އަނެއްކާވެސް ތަރައްގީ ގެނެސް ދޭން އެމަނިކުފާނު ތައްޔާރަށް ހުންނެވީތީ ކަމަށް ތޯރިގު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެއް ބިލިޔަން ދިވެހި ރުފިޔާ ޚަރަދުކޮށް މި ސަރުކާރުން 22 ރަށެއްގައި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި 39 ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރެވެމުން ދާ ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީންގެ މަސައްކަތްތައް ވެގެންގޮސްފައިވަނީ ކުރީގެ ސަރުކާރުތަކާއި އަޅާބަލާއިރު ދެ ގުނަ އިތުރު މަސައްކަތްތަކަކަށް ކަމަށެވެ. މީގެ އިތުުރުން އެމްޑީޕީ އަށް ފާޑުވިދާޅުވެ މިނިސްޓަރ ވިދާޅުވީ އެޕާޓީގެ ވެރިކަމެއް ދެން ރާއްޖެ އަށް އަތުވެއްޖެ ނަމަ ރައްޔިތުން ތަހައްމަލު ކުރި ހިތްދަތި ތިން އަހަރު ދުވަސް އަނެއްކާވެސް ތަކުރާރު ވެދާނެ ކަމަށެވެ. އެހެން ކަމުން ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ އަންނަން އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އިންތިހާބު ކުރުމަށް އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ