މޫސުން ގޯސްވުމުގެ ސަބަބުން ހޮހޮޅައިގައި ތިބި ކުދިން ސަލާމަތް ކުރަން އިތުރު ހުރަސްތަކެއް
ބޭންކޮކް (ޖުލައި 4): ތައިލޭންޑުގައި މޫސުން ގޯސްވުމުގެ ސަބަބުން އެގައުމުގެ 12 ކުއްޖަކާއި އެކުދިންގެ ކޯޗު ތާށިވެފައިވާ ހޮހޮޅައިގައި އިތުރަށް ފެންބޮޑުވެ، އެކުދިން ސަލާމަތް ކުރުމަށް އިތުރު ހުރަސްތަކެއް އެޅިދާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފި އެވެ. މިދިޔަ މަހުގެ 23ގައި ގެއްލުނު އެކުދިން މިދިޔަ ހޯމަ ދުވަހު ހޯދީ ހޮހޮޅައިގައި އުސްކޮށް ހުރި، ފެން ނުފޯރާ ސަރަހައްދަކުންނެވެ. ނަމަވެސް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން އެކުދިން ތިބި ތަނަށްވެސް ފެންގަނޑު އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. ތައިލޭންޑުގެ އަސްކަރިއްޔާ އިން މިހާރު ވަނީ އެކުދިންނަށް 10 ދުވަހަށްވާ ވަރަށް ކާނާ ފޯރުކޮށްދީފައި އެވެ. އަދި ޑޮކްޓަރަކާއި ނަރުހަކު ވަނީ އެކުދިންގެ ހާލު ބަލައި، އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ބުނެފަ އެވެ. ތައިލޭންޑުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ހޮހޮޅައިގައި ފެން ހިކުމުގެ ކުރިން އެކުދިން ސަލާމަތް ކުރަން ބޭނުން ނަމަ، އެކުދިންނަށް ޖެހޭނީ ފުރަތަމަ ޑައިވް ކުރަން ދަސްކުރާށެވެ. ނުވަތަ އެކުދިންނަށް ޖެހޭނީ ހޮހޮޅައިގައި ފެންގަނޑު ހިކެން ދެން ގާތްގަނޑަކަށް ހަތަރު މަސް ވަންދެން މަޑު ކުރާށެވެ. ތައިލޭންޑުގެ އިންޓީރިއާ މިނިސްޓަރު ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންކަމުން އެކުދިން ވީހާވެސް އަވަހަކަށް ހޮހޮޅައިން ނެރުމަކީ މުހިއްމު ކަމެއް ކަަމަށް ވިދާޅުވެފަ އެވެ. އަދި ހޮހޮޅައިގައި އިތުރަށް ފެންބޮޑުވުން ހުއްޓުވުމަށްޓަކައި ހޮހޮޅައިން ބޭރަށް ފެން ޕަމްޕު ކުރަމުންދާ ކަމަށް ވެސް ވިދާޅުވެފަ އެވެ. މީގެ އިތުރުން އަސްކަރިއްޔާ އިން ވަނީ އެކުދިންގެ މޫނަށް ފިޓުވާނެ ސައިޒުގެ ސްކޫބާ ޑައިވިން މާސްކު ހުރި ފަރާތްތަކުން އެފަދަ މާސްކުތަށް ފޯރުކޮށްދިނުމަށް އެދިފަ އެވެ. ނަމަވެސް ހޮހޮޅަ އަނދިރިވުމުގެ ސަބަބުންނާއި ފެންގަނޑު ހަޑިވުމުގެ އިތުރުން، އޭގެ ތެރެއިން ގިނަ ކުދިންނަކީ ފަތަން ނުދަންނަ ކުދިން ކަމުން، އެކުދިން ޑައިވް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެ އެވެ. އުމުރުން 11 އަހަރާއި 16 އަހަރާ ދެމެދުގެ އެކުދިންނަކީ ޗިއަން ރައިގެ ފުޓުބޯޅަ ޓީމަކަށް ނިސްބަތްވާ ކުދިންނެވެ. އަދި އެކުދިންގެ ކޯޗާ އެކު ފީލްޑް ޓްރިޕުތަކަށް ދިޔުމަކީ އާއްމު ކަމެއް ކަމަށް އެސިޓީގެ ރައްޔިތުން ބުންޏެވެ. (ބީބީސީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ