އިސްލާމީ ޝަރީއަތެއް ހިންގައިފިނަމަ އަމިއްލައަށް ސައިކަލު ދުއްވާފައި މަޖިލީހަށް ނާދެވޭނެ މެންބަރުން އެބަތިބި: ޣަފޫރު

ރާއްޖޭގައި އިސްލާމީ ޝަރީއަތެއް ހިންގައިފިނަމަ، އަމިއްލައަށް ސައިކަލުގައި މަޖިލީހަށް ނުދެވޭނެ އެތައް މެމްބަރުންނެއް އެބަތިބި ކަމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ހާލަތު ދިރާސާކޮށް އެސްއޯއީ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ. 
އެގޮތުން އޭނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ ރިޕޯޓަކީ ބޮޑު، އަދި ވައްކަން ގިނަ ރިޕޯޓެއް ކަމަށެވެ. އަދި އެމްއެމްޕީއާރްސީގެ ވައްކަމުގެ ވާހަކަ ދައްކާއިރު އިންސާފަަށް ވާހަކަ ދައްކަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 
"އަޅުގަނޑުމެން އެމްއެމްޕީއާރުސީގެ ވާހަކަ ދައްކާއިރުގާ އިންސަފާއެކު ވަހަކަދައްކަން އެބަޖެހޭ. މި ސަރުކާރުން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ ބޭފުޅުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނަމޭ. ވިތޯ؟ ނުކުރެވޭނެ، ނުވާނެ. ތެދަށް ބުނާނަމަ، މި ސަރުކާރުގައި ތިބީ ހުސް ވަގުން އިއްޒަތްތެރި ރައީސް. އަމިއްލައަށް ސައިކަލް ދުއްވާފައި އޮފީހަށް ދެވޭނެ މީހަކު މި ސަރުކާރުގައި ހުއްޓޭ ބުނާކަަށް އަޅުގަނޑަށް ނުކެރޭނެ. ވީލް ބަރޯގަ ގެންގޮސް ވައްޓާލަން ޖެހޭނީ. އެ ފެންވަރުގައި ތިބި މެންބަރުންނާއި ސަރުކާރު ތެރޭ ބޭފުޅުން ތިބީ“
ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ
މިއާއެކު ޣަފޫރުވަނީ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒުކޮށް، ވައްކަމުގެ އަދަބު ދޭ ނަމަ، ”ހަތަރެސްފައި ކަނޑަންޖެހޭ“ މެންބަރުން މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ތިބި ކަމަށް ތުހުމަތު ކުރައްވާފައެވެ. 
"މި މަޖިލިސް ތެރޭގައިވެސް، މި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވާ އެތައް އެތައް ބަޔަކު މިހާރުވެސް އެބަތިބި. އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ.. މިތަނުގައި އިސްލާމީ ޝަރީއަތެއް ހިންގައިފިއްޔާ އަމިއްލައަށް ސައިކަލު ދުއްވާފައި ނާދެވޭނެ ކިތައްމެ ބަޔަކު މި މަޖިލީހުގައިވެސް އެބަތިބި އިއްޒަތްތެރި ރައީސް. އަތްފައި ކަނޑާފައި ގެނެސް ވީލްބަރޯގައި މިތަނަށް ވައްޓާލަންޖެހޭނީ. އެއީ އެކަން އޮތްގޮތް." 
ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ
ގަފޫރު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ވައްކަން ކުރެވޭނެހާ ހުރިހާ ގޮތެއް މަގުފަހިކުރުވަމުން ކަމަށެވެ.
އޭނާ ވަނީ ސަރުކާރުގެ ވައުދާއި އެއްގޮތަށް އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި، ރައްޔިތުންގެ ފައިސާއަށް އިހުމާލުވި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ގޮވާލާފައެވެ.
ޣަފޫރު ވިދާޅުވީ ކޮންމެ ސަރުކާރަކުން ވައްކަން ކުރި ނަމަވެސް އެ ކޮށްފައިވާ ވައްކަންތައް ބަލަންޖެހޭކަމަށާއި، ރައްޔިތުންގެ ފައިސާ ހިމާޔަތްކުރެވޭނީ އޭރުންކަމަށެވެ. ވެރިކަން ހަވާލުކުރަނީ އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު ވެރިކަން ކުރުމަށްޓަކައިކަމަށާއި، ނަމަވެސް އެކަން މި ގައުމުގައި ނުހިނގާކަމަށް ޣަފޫރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ