ކާވާ މެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް ރާއްޖޭގައި ފެށުމަށް ތައްޔާރުވަނީ
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) މެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް މިމަހުގެ 17ވަނަ ދުވަހު މާލޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ މެދުތެރޭ އޭޝިއާގެ ވޮލީ ކުލަބުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެމުން އަންނަ ބޮޑު މުބާރާތެކެވެ. ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ މޮޅެތި ކުޅުންތެރިން މި މުބާރާތުގައި ކޮންމެ އަހަރަކު ވެސް ފެނެއެވެ. މިމަހުގެ 17އިން ފެށިގެން 23ގެ ނިޔަލަށް މާލޭގެ ސޯޝަލް ސެންޓަރުގެ އެތެރޭ ހޯލުގައި ކުރިއަށްގެންދަން ތައްޔާރުވާ މި މުބާރާތުގައި ވާދަކުރާ ކުލަބުތަކުގެ ތެރޭގައި މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރާއްޖެއަށް ދެ ޖާގަ ލިބެއެވެ. މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދެ ކުލަބަކީ އެންމެފަހުން ނިމުނު ވީއޭއެމް ކަޕުގެ ފައިނަލުގައި ކުޅުނު ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އާއި ކުލަބު އެޗްޑީސީއެވެ. ދެން މި މުބާރާތުގައި ވާދަކުރާނީ ކަޒަކިސްތާނާއި ކިރްގިސްތާނުގެ އިތުރުން ނޭޕާލާއި ސްރީ ލަންކާގެ ޗެމްޕިއަނުންނެވެ. މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ސިފައިންގެ ކުލަބު-- ޖުމްލަ 18 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކޮންމެ ދުވަހަކު ވެސް ތިން މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. އެއީ މެންދުރުފަހު 13:30، 16:30 އަދި 20:45 އެވެ. ރާއްޖޭގައި ވަނީ މިދިޔަ އަހަރު ކާވާގެ އަންހެން ކުލަބު މުބާރާތް ބާއްވާފައެވެ. ރާއްޖޭގެ ޕޮލިސް ކުލަބާއި ކުލަބު ވެމްކޯ ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނޭޕާލް ޕޮލިސް ކުލަބެވެ. ޖުމްލަ ހަ ޓީމު ވާދަކުރި އެ މުބާރާތުން ރާއްޖޭގެ ކުލަބު ވެމްކޯ ވަނީ ތިންވަނަ ހޯދާފައެވެ. އެންމެ ފަހުން ކާވާގެ މެންސް ކުލަބު ވޮލީބޯލް ޗެމްޕިއަންޝިޕް ބޭއްވީ މިދިޔަ އަހަރު ނޭޕާލުގައެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ އިންޑިއާގެ ކަލިކަޓް ހީރޯސްއެވެ. މި މުބާރާތުގައި ރާއްޖެއިން ވާދަކުރީ ކުލަބު އެޗްޑީސީއެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމުން ވެސް ވަނީ މުބާރާތަށް ދުރާލާ ބޮޑެތި ތައްޔާރީތަކެއް ވެފައެވެ. މީގެ ތެރޭގައި ރަނގަޅު ފެންވަރުގެ ބިދޭސީ ކުޅުންތެރިންތަކެއް ޓީމަށް ގެނެސްފައިވާއިރު، މިހާރު ކުރިއަށްދާ ވޮލީބޯލް ލީގާއި، ކާވާ މުބާރާތުގެ ކުރިން ބާއްވާ ގައުމީ މުބާރާތާއެކު ޓީމަށް ރަނގަޅު ފެންވަރުގެ މެޗުތަކެއް އެބަ ލިބެއެވެ. މިއީ މިއަހަރު ކާވާއިން ރާއްޖޭގައި ބާއްވަން ނިންމާފައިވާ ބައިނަލްއަޤްވާމީ ހަތަރު މުބާރާތުގެ ތެރެއިން ފުރަތަމަ މުބާރާތެވެ. އެއަށްފަހު އަންނަ އޯގަސްޓު މަހު މާލެއާއި އައްޑޫސިޓީގައި ބީޗު ވޮލީބޯޅަ ދެ މުބާރާތެއް ބާއްވަން ތާވަލުކޮށްފައިވާއިރު، މިއަހަރުގެ ޑިސެމްބަރު މަހު ކާވާ ވިމެންސް ނޭޝަންސް ކަޕް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ