ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ހަރުކުރަން ބޭނުންވާ ދޯނިތަކަށް ޝަރުތު ލުއިކޮށްދީފި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ހަރުކުރަން ބޭނުންވާ ދޯނިތަކަށް ޝަރުތު ލުއިކޮށްދީފި

މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ ރެފްރިޖަރޭޓަޑް ސޯލްޓް ވޯޓާ (އާރުއެސްޑަބްލިއު) ސިސްޓަމް ހަރުކުރަން ސަރުކާރުން ފަށައިގެން އުޅޭ އާރުއެސްޑަބްލިއު ފައިނޭންސިން ސްކީމަށް ހުށަހަޅަން ބޭނުންވާ ދޯނިތަކުގެ ކްރެޑިޓު ތާރީހު ބަލާ މުއްދަތު ތިން މަހަށް ކުޑަކޮށްފި އެވެ.
އާރުއެސްޑަބްލިއު ސްކީމަށް ކުރިމަތިލާއިރު، މިހާތަނަށް ޝަރުތުކޮށްފައި އޮތީ އަހަރު ދުވަހުގެ ކްރެޑިޓު ތާރީހަށް ބަލާ ގޮތަށެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން އިއްޔެ ވަނީ، މި ޝަރުތަށް ވަރަށް ބޮޑު ލުޔެއްދީ، މިހާރަށް ވުރެ ގިނަ ދޯނިފަހަރަށް މި ސްކީމަށް ކުރިމަތިލެވޭނެ މަގުފަހިކޮށްދީފަ އެވެ.
ފިޝަރީޒް މިިނިސްޓްރީން ބުނީ މިއީ މަސްވެރިކަމުގެ ފުރިހަމަ ނަފާ މަސްވެރިންނަށް ލިބޭނެ ގޮތް އިތުރަށް މަގު ފަހި ކުރުމަށް ޓަކައި، ގެނައި ބަދަލެއް ކަމަށެވެ.
އާރުއެސްޑަބްލިއު ފައިނޭންސިން ސްކީމުގެ ދަށުން ދެ މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބެ އެވެ. މި ފައިސާއަކީ އާރުއެސްޑަބްލިއު ނިޒާމާއި އެއަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ސޯލާ ޕެނަލްތައް ގާއިމުކުރުމަށް ޓަކައި ދޫކުރާ ފައިސާ އެވެ.
އިސްލާމިކް ފައިނޭންސިންގެ މުރާބަހާ މޮޑެލްގެ ދަށުން ދޫކުރާ މި ފައިސާ އަނބުރާ ދައްކަން 10 އަހަރު ލިބެ އެވެ. އިންޓްރެސްޓަކީ ހަ ޕަސެންޓެވެ. އަދި ރަހުނެއް ހުށަހަޅާކަށް ނުޖެހެ އެވެ. މި ފައިނޭންސިންއަށް އެދި ހުށަހަޅަން ޖެހެނީ އެސްއެމްޑީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށެވެ.
މަސް ދޯނި ފަހަރުގައި އާރުއެސްޑަބްލިއު ނިޒާމު ގާއިމުކުރުމަކީ މަސްވެރިންނަށް އައިސް ނުލިބޭ މައްސަލަ އާއި އައިސް ހޯދަން ގިނައިން ދުއްވަން ޖެހޭ މައްސަލަ ހައްލުކޮށް، މަސްވެރިން ބާނާ މަހުގެ ތާޒާކަމާއި ކޮލިޓީ ދަމަހައްޓަން ފަހިކޮށްދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތެކެވެ.
އާރުއެސްޑަބްލިއު ނިޒާމުތައް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ފިޝަރީޒް މިިނިސްޓަރު އަހުމަދު ޝިޔާމް މިދިޔަ ފެބްރުއަރީ މަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، ދެކުނުގެ 60 ޕަސެންޓު ބޯޓުތަކުގައި މި ނިޒާމު ގާއިމުކުރެވިއްޖެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ 50 ފޫޓުން ފެށިގެން ބޮޑު ހުރިހާ މަސް ބޯޓެއްގައި މި ނިޒާމު ހަރުކުރުމެވެ. މިއީ އިސްލާމިކް ޑިވެލޮޕްމަންޓު ފަންޑުގެ ލައިވްސް އެންޑް ލައިވްލީހުޑްސް ފަންޑުން އެހީ ލިބިގެން ފިޝަރީޒް މިނިސްޓްރީން ހިންގާ ސްކީމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ