ސައުދީއާއި ރާއްޖެއަކީ ގާތް ދެ ގައުމު، ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީން: ޚަލީލް

ސައުދީ އަރަބިއްޔާއާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، އެ ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީންކުރައްވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ސައުދީން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޔަހްޔާ ހަސަން އަލްގަތާނީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. އެ ގައުމުން ރާއްޖޭގެ ސަފީރު ކަމަށް ޔަހްޔާ އައްޔަނުކޮށް، ސަފީރުކަމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވީ އިއްޔެއެވެ. އޭނާ މިއަދުވަނީ ޚަލީލްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. ޚާރިޖީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި، ޚަލީލް ވިދާޅުވީ ސައުދީއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވާނެކަން ޔަގީން ކުރައްވާ ކަމަށެވެ. އަދި ސައުދީ އާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެ ގައުމުން، ރާއްޖޭގެ ތަރައްގީއަށް ދެމުން ގެންދާ އެހީތެރިކަން ފާހަަގަކުރައްވައި އެ ކަމަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ސައުދީ ސަރުކާރުން ނިމިދިޔަ ހައްޖު މޫސުމުގައި "މައްކާ ރޫޓް" އިނީޝިއޭޓިވްގައި ރާއްޖެ ހިމަނާފައިވާތީ، ސައުދީ ސަރުކާރުގެ އިސްވެރިންނަށް ޚަލީލްވަނީ ޝުކުރު އަދާކުރައްވައިފައެވެ. ސައުދީ ސަފީރު ޔަހްޔާ ހަސަން އަލްގަތާނީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ މި ބައްދަލުވުމުގައި މިނިސްޓަރާއި ސަފީރު، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދެއްކެވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މި ބައްދަލު ކުރެއްވުމުގައި ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ޑރ. ހާލާ ހަމީދާއި، އެމްބެސެޑަރު އެޓް ލާޖް ޢަބްދުﷲ ހަމީދާއި، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާއާއި، ސީނިއާ އަންޑަ ސެކްރެޓަރީ ފާތިމަތު ނައީމާގެ އިތުރުން، ޑެޕިއުޓީ ޑެސްކް އޮފިސަރު ފާތިމަތު ލަޔާނާ އިހުސާން ބައިވެރިވެވަޑައިގަތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ސައުދީ ސަފީރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މަތުރެކް ބިން އަބްދުﷲ އަލް އަޖަލިން އަލް ދޮސާރީގެ ދައުރު ހަމަވުމުންނެވެ. https://sun.mv/208223 މި އަހަރު ރައީސް ވަނީ ސައުދީގެ ރަސްގެފާނުގެ ދައުވަތުފުޅަކަށް މައްކާއަށް ވަޑައިގެން ހައްޖުގެ އަޅުކަން އަދާކުރައްވައިފައެވެ. މި ދަތުރުފުޅުގައި ސައުދީގެ ވަލީއަހުދާއި އެ ގައުމުގެ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ ރައީސް ބައްދަލުކުރެއްވިއެވެ. ސައުދީގެ ޝާހީ އާއިލާގެ 'ޕްރިންސް'އަކާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުންޏެވެ. ނަމަވެސް، އެ މީހާއަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ނޫން ކަމަށާއި އެއީ 'ޕްރިންސް'އެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަނިކޮށް ރައީސް އޮފީސް ވެބްސައިޓުގައި މިކަމާ ގުޅޭގޮތުން ޝާއިއުކުރި ޚަބަރު ވަނީ "ގެއްލިފަ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ