ފޭކު ސްލިޕު ދައްކައިގެން އެއް ލައްކަ ރުފިޔާގެ ކާއެއްޗެހި ނެގި މީހަކު ނުވަ މަހަށް ޖަލަށް

ސަންރައިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މާލޭގައި ހިންގާ އޮލިވް ގާޑެން ރެސްޓޯރެންޓަށް ފޭކު ޓްރާންސާ ސްލިޕު ދައްކައިގެން 115،000 ރުފިޔާއަށްވާ ވަރަށް ކާއެއްޗެހި އޯޑަރު ކުރި މީހަކު ނުވަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އެ މައްސަލައިގައި ހުކުމްކުރީ ދ. ކުޑަހުވަދޫ ޑޭޒީމާގޭ އަބްދުﷲ ފަޒީލްގެ މައްޗަށެވެ. ދައުވާގައި ބުނެފައިވަނީ 22 އޮގަސްޓު 2019އިން ފެށިގެން 25 އޮކްޓޫވަރު 2021ވަަ ދުވަހާ ހަމައަށް، އެކި ދުވަސްމަތިން ފޭކު ސްލިޕު ދައްކައިގެން އޭނާ ކާއެއްޗެހި އޯޑަރުކުރި ކަމަށެވެ. އޭނާ ފައިސާ ދައްކާފައި ހުރީ އަސްލު ބިލުގައިވާ އަދަދަށްވުރެ މަދުން ކަމަށާއި، އެކަމަކު ބިލުގައިވާ އަދަދުގެ ފޭކު ޓްރާންސާ ސްލިޕު ހަދައިގެން ވައިބާކޮށްފައިވާ ކަމަށް ކޯޓުން ބުނެފައިވެއެވެ. ދެ އަހަރު ތެރޭ މި ގޮތަށް ފޭކް ސްލިޕު ފޮނުވައިގެން އޭނާވަނީ 115،000 ރުފިޔާގެ ކާއެއްޗެހި އެ ތަނުން ހޯދައިފައެވެ. މި މައްސަލައިގައި ފަޒީލްގެ މައްޗަށް ދައުލަތުން ކުރީ މީހަކަށް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާއާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާއެވެ. އެ މައްސަލައިގެ އަޑުއެހުމުގައި އޭނާވަނީ ދެ ދައުވާއަށް ވެސް އިއުތިރާފުވެފައެވެ. މަކަރާއި ހީލަތް ހެދުމުގެ ދައުވާއަށް ފަޒީލް އިއުތިރާފުވެފައިވާތީ، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާގެ މައްޗަށް ކޯޓުން އިއްވީ އެއް އަހަރާއި 11 ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން ހަ މަހާއި 11 ދުވަސް ގޭބަންދު އަދަބަށް ވަނީ ބަދަލުކޮށްފައެވެ. ހަ މަހުގެ ޖަލު އަދަބުގެ އިތުރުން، އިތުރު އެއް އަހަރާއި 22 ދުވަހުގެ މުއްދަތަކަށް އޭނާ ގޭބަންދު ކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގައި ވަނީ ތިން މަހާއި 18 ދުވަހުގެ ޖަލު އަދަބެއް ކަނޑައަޅައިފައެވެ. އެއީ އޭނާ ދައުވާތަކަށް އިއުތިރާފުވެފައިވާތީއާއި، މި ނޫން އެހެން ކުށެއްގެ ރެކޯޑެއް ނެތުމުންނެވެ. އެހެންވެ، އޭނާ ޖަލުގައި ނުވަ މަހާއި 18 ދުވަސް ހޭދަކުރަން ޖެހޭއިރު، ގޭ ބަންދުގައި ދޮޅު މަސް ހޭދަކުރަން ޖެހެއެވެ. އޭނާ ސަންރައިޒް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ 115،000 ރުފިޔާ ދެއްކުމަށް، މިއަދުން ފެށިގެން ކޮންމެ މަހަކު ވެސް 23،000 ރުފިޔާއަށްވުރެ މަދު ނޫން އަދަދެއް ދައްކައި ޚަލާސްކުރުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ. https://sun.mv/206457 މީގެ ކުރިން ވެސް، ފޭކު ސްލިޕް ދައްކައިގެން ގިނަ އަދަދަކަށް ކާބޯތަކެތި އޯޑަރު ކުރި މައްސަލަތައް ތަހުގީގުކޮށްފައިވެއެވެ. އޭގެ ތެރޭގައި، ސްކޭމް ކުރުމުގެ ގިނަ މައްސަލަތެއްގައި ހައްޔަރުކޮށްފައިވާ ގ. ސިނަމާލެ 1 05-13 / މާލެ، ޒައިދާން މުޙައްމަދު ހާޝިމް، މަޝްހޫރު ފުޑް އެޕް, ފުޑީސް މެދުވެރިކޮށް 9000 ރުފިޔާއަށް ވުރެން ގިނަ ރުފިޔާގެ ކާބޯތަކެތި ހޯދި މައްސަލައެއް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ