ސާފް ޗެމްޕިއަންޝިޕް: މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއާއި ސްރީ ލަންކާ މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.މުބާރާތުގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗުން ބަންލްދޭޝް އާއި ދެކޮޅަށްކުޅެ 1-1 އިން އެއްވަރުވެފައިވާއިރު ލަންކާ އާއި އިންޑިއާގެ ކުރިމަތިލުން އެއްވަރުވީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.މިއީ މިފަހަރުގެ މުބާރާތުގައި ލަންކާ އިން ހޯދި ފުރަތަމަ ޕޮއިންޓެވެ. މިހާތަނަށް ތިންމެޗު ލަންކާއިން ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ލަންކާ ބަލިވީ ބަންގްލަދޭޝް އަތުންނެވެ. އަދި ދެވަނަ މެޗުގައި ނޭޕާލް އަތުން ލަންކާ ވަނީ 2-3 ގެ ނަތީޖާއަކުން ބަލިވެފައެވެ.މިއަދުގެ ނަތީޖާއާއެކު ދެ މެޗުން އިންޑިއާއަށް ހަތަރު ޕޮއިންޓު ލިބިފައިވާ އިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. ލަންކާއަށް އަމިއްލަ ބާރުގައި ފައިނަލަށް ދިއުމަށް ފުރުސަތު ގެއްލިފައިވާ އިރު، އެޓީމުން ކުޅުނު ތިން މެޗުން ޕޮއިންޓެއް ލިބި، މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. ފުލުގައި މިވަގުތު ރާއްޖެ އޮތް ނަމަވެސް ރާއްޖެ އަދި ކުޅުނީ އެންމެ މެޗެވެ.މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށް، ފޭވަރިޓުންގެ ގޮތުގައި މިފަހަރުގެ މުބާރާތާއި ކުރިމަތިލި އިންޑިއާ އަށް އެދެވޭ ނަތީޖާތަކެއް ނެރެވިފައި ނުވާއިރު އިންޑިއާ އަށް މިވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމުގެ އުންމީދު ކުޑަވެފައެވެ. ބާކީ އެޓީމަށް ދެމެޗު އޮތްއިރު އެދެމެޗުން މޮޅުވެގެންވެސް އިންޑިއާ އަށް ލިބޭނީ ޖުމްލަ 8 ޕޮއިންޓެވެ. އެއާ ހިލާފަށް އެއްވަނައިގައި އޮތް ނޭޕާލަށް ކުޅުނު ދެމެޗުން 6 ޕޮއިންޓު ލިބިފައިވާއިރު ދެވަނައިގައި އޮތް ބަންގްލަދޭޝް އަށް ދެމެޗުން 4 ޕޮއިންޓް ލިބިފައިވެއެވެ.މިރޭ ރާއްޖެ އާއި ދެކޮޅަށް ބަންގްލަދޭޝް ނުކުންނަ މެޗުން މޮޅުވެއްޖެނަމަ އެޓީމަށް މުބާރާތުގެ ފައިނަލްގެ އުންމީދު ބޮޑުވާނެއެވެ. ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ފަށާނީ 21:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ