އޭއެފްސީ ކަޕްގައި ނިއު މާދަމާ ހަވީރު ކުޅޭ މެޗްގެ ޓިކެޓް ވިއްކަން ފަށައިފި

ރާއްޖޭގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އޭއެފްސީ ކަޕްގެ ގްރޫޕް އީގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ސިންގަޕޫރުގެ ހޯމް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓް ވިއްކަން ފަށައިފި އެވެ.
މެޗް ފަށާނީ މާދަމާ ހަވީރު 4:00 ގައެވެ.
ސަންއާ ވަހަކަ ދައްކަމުން ނިއުގެ ޑިރެކްޓާ އޮފް ސްޕޯޓްސް އަންވަރު އަލީ ވިދާޅުވި، މާދަމާގެ މެޗަށް ޖުމްލަ 7000 ޓިކެޓް ޕްރިންޓު ކޮށްފައިވާ އިރު، އޭގެ ތެރެއިން ސިޑިބަރިން ވިއްކަން ހަމަޖެހިފައި ވަނީ 6500 ޓިކެޓެވެ. އަދި ބާކީ 500 ޓިކެޓު ވިއްކުމަށް ހަމަޖެހިފައި ވަނީ ގޮނޑިބަރިންނެވެ. ޓިކެޓުގެ އަގުތައް އުޅެނީ ސިޑިބަރީގެ 15ރ. އަށް ކަމަށާއި ގޮނޑިބަރިން 50 ރ. އަށް ކަމަށެވެ.
"ޓިކެޓް ލިބެން ހުންނާނީ ގަލޮޅު ދަނޑުން، އޮލިމްޕަހާ ދިމާލަށްވާ ގޭޓުން. ޓިކެޓް މިރޭވެސް ލިބެން ހުންނާނެ." އަންވަރު ވިދާޅުވި އެވެ.
ނިމިދިޔަ ފުޓްބޯޅަ ސީޒަންގެ، ދިރާގު ދިވެހިލީގާއި އެފްއޭ ކަޕްގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް މިފަހަރުގެ އޭއެފްސީ ކަޕުގައި ނިއު ހިމެނޭ ގްރޫޕްގައި ދެން ހިމެނެނީ އިންޑިއާގެ ޗާޗިލް ބްރަދާސް އާއި އިންޑޮނީޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އާއި ސިންގަޕޫރުގެ ހޯމް ޔުނައިޓެޑެވެ.
ހޯމް ޔުނައިޓެޑާއި ނިއު ވަނީ މީގެ ކުރިން އޭއެފްސީ ކަޕްގައި ހަތަރު ފަހަރު ވާދަކޮށްފަ އެވެ. ނިއު އިން ވަނީ 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު އޭއެފްސީ ކަޕްގައި ހޯމް ޔުނައިޓެޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. އެ ދެ އަހަރު ރަށުން ބޭރުގައި ނިއު ވަނީ ހޯމް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ.
މިމުބާރާތުގެ ގްރޫޕް އެފްގައި ރާއްޖެ އިން ދެން ވާދަކުރާ މާޒިޔާ ރަަށުން ބޭރުގައި މާދަމާ ހަވީރު 5:00ގައި ބައްދަލުކުރާނީ ވީޓްނާމުގެ ހެނޯއީ ޓީއެންޑްޓީއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ