މައުމޫން ފެކްޝަންގެ ޖަލްސާ އެންދެރިމާގޭގައި ބާއްވަން ނިންމައިފި

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބާއްވަވާ އާއްމު ޖަލްސާ އަންނަ ބުރާސްފަތި ދުވަހުގެރޭ އެންދެރިމާގޭގައި ބާއްވަން އެންމެ ފަހުން ނިންމައިފި އެވެ.
ދެ ފެކްޝަން އުފެދިފައިވާ ޕީޕީއެމްގެ އާއްމު ޖަލްސާ ބާއްވަން އެންމެ ފުރަތަމަ އެދުނީ ދަރުބާރުގޭގަ އެވެ. ނަމަވެސް އިމްތިހާނެއް ކުރި އަށް ގެންދާތީ މައި ހޯލު ދޫކުރެވެން ނެތްކަމަށް ހައުސިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އެ އަށް ފަހު ކާނިވާ ސަރަހައްދުު ހޯދުމަށް ވެސް ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އެ ފެކްޝަނުން ޕީޕީއެމްގެ ތަރުޖަމާނަކަށް އައްޔަން ކުރައްވާފައިވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ.
މައުމޫން ފެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް ވެސް ހައުސިން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އެމްޑީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީއޭ އިން ގަބޫލުކުރާނީ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ އެންގުންތައް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްުޒު ވިދާޅުވެފައިވާތީ ކާނިވާ ސަރަހައްދު ލިބޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޝުޖާއު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި މައުމޫން ފެކްޝަނުން ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރައްވާފައިވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ އެ ޕާޓީގެ މެމްބަރުންގެ ތެރެއިން 95 ޕަސެންޓު މެމްބަރުން ތިއްބެވީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެ ފެކްޝަނުން އެދެ އެވެ.
މައުމޫން ފެކްޝަންގެ ޖަލްސާ ބާއްވަން ދަރުބާރުގެ ނުދީ، ހައުސިން މިނިސްޓްރީން ވަނީ ރައީސް ޔާމީންގެ ފެކްޝަންގެ މަސައްކަތްތައް ކުރަން ދަރުބާރު ދީފަ އެވެ.
އެންދެރިމާގެއަކީ މައުމޫން ދިރިއުޅުއްވަމުން ގެންދަވާ ގެ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން މަސައްކަތްތައް ވެސް އެ ގޭގައި ކޮށްފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ