ސިޔާސީ މަސްރަހަށް ޒަލްޒަލާ ގެނައުމާއި ސޯޝަލް މީޑިޔާގެ އަހުލުވެރިން ކައްކުވާލުމުގެ ކޮމާންޑަރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެފަދަ ކަންކަމުން ތަންކޮޅެއް ދުރުގައި ހުންނެވުމަށްފަހު، މީގެ ދެ ދުވަސް ކުރިން ރައީސް މައުމޫން ފެކްޝަންގެ ހިންގާ ކޮމެޓީއަށް އުމަރު ނަސީރު އައްޔަންކުރެއްވުމާއެކު މާ ގިނަ އިރުތަކެއް ނުވަނީސް މިއަދު މިވަނީ އަނެއްކާވެސް ސޯޝަލް މީޑިޔާ ކައްކުވާލާފައެވެ.
އެހެންނަމަވެސް، ރައީސް މައުމޫން އިސްތިސްނާ ކުރުމަށްފަހު، ރާއްޖޭގައި ރައީސްކަން ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް އަމާޒުކޮށް އުމަރު މިއަދު ހަވީރު ޓްވީޓް ކުރައްވަން ފެއްޓެވުމާއެކު ކަން ހިނގައި ދިޔައީ އޭނާ އަންދާޒާ ކުރި ގޮތަކަށް ނޫނެވެ.
އުމަރުގެ ޓްވީޓްގައި، ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީނު ދޮށިމޭނާކިލެގެފާނަށް އަމާޒުކުރައްވާ ބަދުބަސް ރައްދުކުރެއްވުމަށްފަހު، ރައީސް ނަޝީދަށާއި ރައީސް ޔާމީނަށް ބަދުބަސް ރައްދުކުރަން ފެއްޓެވުމާއެކު، ކުޅަނދުރު ހަތައަކަށް ގާ އުކައިގަތުމުން ކަން ހިނގާ ބީދައިން އުމަރު ގަޔަށް ޓްވިޓަރގައި ކަށިޖަހަން ފެށީ ހުރިހާ ކޮޅަކުންނެވެ. އޭގެ ތެރޭގައި ބޮޑެތި އިލްމުވެރިންނާއި، ސިޔާސީ ހަރަކާތްތެރިންނާއި، އެކްޓިވިސްޓުންގެ އިތުރުން، ރައީސް މައުމޫން ފެކްޝަނުގެ އިސް ބޭފުޅުންވެސް ހިމެނެއެވެ.
ވަކިން ޚާއްސަގޮތެއްގައި، މީހުން ހަލާކުވެ ދިޔުމުގައި އަންހެނުންގެ ދައުރު އޮންނަ ކަމަށް ވިދާޅުވުމަށްފަހު، ދެން ކުރެއްވި ޓްވީޓްގައި ދިވެހިރާއްޖޭގައި ވެސް އެކަން އޮތީ އެހެންކަމަށް ވިދާޅުވުމާއެކު، ހުރިހާ ފަރާތްތަކުންވެސް ދެކުނު ގޮތުގައި އެ ދެޓްވީޓްގެ ޚުލާސާއަކީ، ދިވެހި އަންހެނުންނަކީ ރަނގަޅު މީހުން ނުބައިމަގަށް ލަންބާބައެއް ކަމެވެ. އެހެންކަމަށްވުމާއެކު، ސޯޝަލް މީޑިޔާގައި ގަރުދިޔަގަނޑު ބަންޑުންވީ އުމަރު ބޮލަށެވެ. އެޔާއެކު އުމަރު އެނދީއެވެ. ފެން އަޅައިދޭނެ އެކަކުވެސް ނެތެވެ. އެންމެ ކުޑަމިނުން، ރައީސް މައުމޫންގެ ފެކްޝަނުގެ ދިފާޢުގައި އުމަރާ އެންމެ އަރިހުން މަސައްކަތްކުރައްވާ ފަރާތްތައްވެސް ގޮވާލީ އުމަރު މާފަށް އެދެން ޖެހޭ ކަމަށެވެ. އަނެއްބަޔަކު ސިފަކުރަމުން ދިޔައީ، އުމަރަކީ ދިވެހިރާއްޖޭގެ ޓްރަމްޕް ކަމަށެވެ.
ނަތީޖާއެއްގެ ގޮތުން، ދެން ވެގެން ދިޔައީ ވެގެން ދާނޭކަމަށް މީހުން ހީކުރިގޮތާ މުޅިން ޚިލާފް ގޮތެކެވެ. އުމަރު ރައްދެއްވެސް ނުދެއްވިއެވެ. މާފަކަށްވެސް އެދި ނުލައްވައެވެ. އޭގެ ބަދަލުގައި އުމަރުގެ ޓްވީޓްތައް ޑިލީޓް ކުރެއްވީއެވެ.
ނަމަވެސް، ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަކީ އެ ރޮނގުން އުމަރަށްވުރެ ހަރުގަނޑުގެ އެއް ހަރުފަތް މަތީގައި ތިއްބަވާ ކުޅަދާނަ ބަޔަކަށް ވާތީ، އުމަރުގެ ޓްވީޓްތައް ވަނީ އެކިއެކި ފަރާތްތަކުން ނަގައި ރައްކާކޮށްފައެވެ.
ދިވެހި އަންހެނުންނަށް ބަދުބަސް ރައްދުކޮށް އުމަރު ޓްވީޓްކުރެއްވުމަށްފަހު އެ ޓްވީޓްތައް ޑިލީޓްކޮށްލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ