އުމަރު ނަސީރު ޕީޕީއެމްގެ ކައުންސިލް މެންބަރު ކަމަށް އައްޔަންކޮށްފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޕީޕީއެމްގެ ކައުންސިލް މެންބަރުކަމަށް ރައީސް މައުމޫން އައްޔަން ކުރައްވައިފިއެވެ.
އުމަރު ނަސީރު ޕީޕީއެމްގެ ކައުންސިލް މެންބަރުކަމަށް އައްޔަން ކުރައްވަން ރައީސް މައުމޫން ނިންމަވާފައި މިވަނީ ރައީސް ޔާމިނަށް ތާއިދު ކުރައްވާ ތިންބޭފުޅަކު ޕާޓީގެ ކައުންސިލް އިން ވަކިކުރެއްވެވިތާ ގަޑިއެއްހާއިރު ފަހުންނެވެ.
ރައީސް ޔާމީން އަށް ތާއިދު ކުރައްވާތީ ޕީޕީއެމްގެ ކައުންސިލް އިން މިއަދު ވަކިކުރައްވާފައި ވަނީ އެޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހިމް ޔޫސުފް އާއި ކައުންސިލް މެންބަރު ޒާހިދު އެވެ.
އުމަރު ނަސީރު ޕާޓީގެ ކައުންސިލް މެންބަރުކަމަށް އައްޔަން ކުރެއްވުމާއި ގުޅިގެން އޭނާ ވަނީ ރައީސް މައުމޫނަށް ޝުކުރު އަދާކުރައްވާފައެވެ. އުމަރު ވިދާޅުވީ ޕީޕީއެމްގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ޕީޕީއެމް އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އުމަރު އާއި ޕީޕީއެމް އާއި ދެމެދު މައްސަލަ ޖެހުނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ރައީސް ޔާމީން ކާމިޔާބު ކުރެއްވުމުން އުމަރު ކުރެއްވި ތުހުމަތުތަކާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ