އެމްޑީޕީގެ ތެރޭގައި ހިނގަނީ ފިނި ހަނގުރާމައެއް، ކޯލިޝަން އޮތީ ނުތަނަވަސް ކައިވެންޏެއް ކޮށްގެން: އުމަރު

ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި ހިނގަމުންދަނީ ފިނި ހަނގުރާމައެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި އުމަރު ވިދާޅުވީ، މިހާރު މިއޮތް ސަރުކާރުގެ އެތެރޭގައި އޮތީ ދެ ވެރިކަމެއް ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހާއި ޕްރައިމް މިނިސްޓަރެއްގެ ރޯލު އަމިއްލައަށް އަދާކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.
ސަބަބެއް ކަމަށް އުމަރު ވިދާޅުވީ، ރައީސުލްޖުމްހޫރިޔާގެ ބާރުތައް ރައީސް ނަޝީދު ނަންގަވައިގެން ރައްޔިތުންގެ މަޖިލީހާ ހަމައަށް ގެންގޮސް އެތަނުގެ ތެރެއިން ގޮތްތައް ނިންމަމުން ދިއުމެވެ. އެހެންކަމުން އެދެބާރުގެ ތެރޭގައި ނުފެންނަ ފިނި ހަނގުރާމައެއް ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ގައުމުގެ ކުރިއެރުން މަޑުޖެހި، ގައުމު ހިނގަމުންދަނީ ދެވަނަ ގިއަރުގައި ކަމަށް ވިދާޅުވިއެވެ.
"މި ފެންނަނީ ޑަބަލް ސްޓޭޓެއް. މި ފެންނަނީ އަމިއްލައަށް އުފަންވެގެން އުޅޭ ޕްރައިމް މިނިސްޓަރަކާއި އަޅުގަނޑުމެން އިންތިހާބުކޮށްފަވާ ބޭފުޅަކާ ދޭތެރޭގައި ބާރުތައް ވާދަވެރިކަމުގައި ދެމޭ މަންޒަރު. އިބްރާހިމް މުހައްމަދު ސޯލިހު މި ހުންނަވަނީ ކޯލިޝަނެއްގެ ނިފާފަތްގަނޑަކަށް ވަދެ، ކޯލިޝަން ދިފާއުކޮށް އޭގެ ތެރޭގައި. ނަޝީދު އެހުންނަވަނީ އެމްޑީޕީގެ ވެރިއަކަށް ވެގެން އޭގައި،" އުމަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސަރުކާރު ކޯލިޝަން ދަމަހައްޓަން ރައީސް ސޯލިހު މަސައްކަތްކުރައްވަނީ ސިޔާސީ ގޮތުން ދިރިހުރުމަށް ކަމަށެވެ. އަދި ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ އެ ކޯލިޝަން ރޫޅާލައިގެން ރައީސް ސޯލިހު އެކަނިކޮށް، އެމަނިކުފާނު ބަލިކުރައްވަން ކަމަށް ވިދާޅުވިއެވެ.
"އިބްރާހިމް މުހައްމަދު ސޯލިހަށް އެބަ ޔަގީންވޭ ކޮންމެވެސް ދުވަހަކުން ނަޝީދު އޭނާގެ ދަތި އަޅުވާނެކަން. ދަތިއަޅުވާ ދުވަހެއްގައި ވެސް އޭނާއަށް (ރައީސް ސޯލިހަށް) ވާގިވެރިވެދޭން މި ބޭބޭފުޅުން (ކޯލިޝަން ޕާޓްނަރުން) ކަމަވާތީ މިބޭބޭފުޅުންގެ ގައިގައި ލެގިގެން ކަހަލަ ގޮތަކަށް މަޑުކުރައްވައިގެން އެ ހުންނަވަނީ. އެބޭފުޅުންނަށް ވެސް މިވަގުތު އެންމެ ރަނގަޅީ އިބޫ ސޯލިހާއެކު މަޑުކޮށްގެން ތިބުން. އެހެންވެގެން އެބޭފުޅުން އެތިއްބަވަނީ ނުތަނަވަސް ކައިވެންޏެއް ކޮށްގެން،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވި ގޮތުގައި، މިވަގުތު މައި އިދިކޮޅު ހަރަކާތެއްގެ ގޮތުގައި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޔާމީން ކަމުން ކޯލިޝަންގެ ޕާޓްނަރުން ކޯލިޝަނުން ވަކިވެ އިދިކޮޅަށް ނުކުމެވެން ވެސް ނެތް ކަމަށެވެ. ނަމަވެސް 2023 ވަނަ އަހަރުގެ އިންތިހާބަށް އެއް އަހަރަށް ކައިރިވުމުން ކޯލިޝަން ޕާޓްނަރުން ރައީސް ސޯލިހު ދޫކުރައްވައި ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ސޯލިހަކީ އެމްޑީޕީން ނެރުނު ރިޔާސީ ކެންޑިޑޭޓް ކަމުން އެމަނިކުފާނާ ދެކޮޅަށް އެމްޑީޕީން ނުކުމެދާނެތޯ ޕްރޮގްރާމުގެ ޕްރެޒެންޓަރު އެހި ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ، އެމްޑީޕީން ރައީސް ސޯލިހުގެ ފަޅިއަށް އަރާނަމަ އެމްޑީޕީ ދޫކޮށް ރައީސް ނަޝީދު ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
"2023 ވަނަ އަހަރު އަޅުގަނޑު މި ލަފާކުރަނީ ދެ އެމްޑީޕީ އޮންނާނެ. އެއް އެމްޑީޕީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެމްޑީޕީ. އެ އެމްޑީޕީގެ ތެރޭގައި ތިބޭނެ ހަމަ އެކަށީގެންވާ އަދަދެއްގެ މީހުން. އަދި އެކަށީގެންވޭ އެ އެމްޑީޕީއާއެކުގައި ގާސިމާއި މައުމޫނާ ތިއްބެވުން ވެސް. ދެވަނަ އެމްޑީޕީ ވެސް އޮންނާނެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ އެމްޑީޕީ. އެ ވެދާނެ ޕާޓީއަކަށް ވެސް ޕާޓީއަކަށް ނުވެވެސްދާނެ،" އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ