ސައުތު އޭޝިއަން ގޭމްސް: އަންހެން ފުޓްބޯޅަ ޓީމު ލޯ މެޑަލް ހޯދާ ތާރީޚުގެ ތެރެއަށް

ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ފުޓްބޯޅަ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ސްރީލަންކާ ބަލިކޮށް ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު މުބާރާތުން ލޯ މެޑަލް ހޯދައިފިއެވެ.
ނޭޕާލްގެ ޕޮކަހާރާ ސިޓީގައި ކުރިޔަށްދާ އަންހެން ފުޓުބޯޅަ މުބާރާތުގައި ސްރީލަންކާއާއި ވާދަކޮށް ރާއްޖެ މެޗު ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.
މިއީ ސައުތު އޭޝިއަން ގޭމްސްގެ ތާރީހުގައި އަންހެން ފުޓުބޯޅަ ޓީމު މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ. މީގެކުރިން 2016 ގައި ބޭއްވި މުބާރާތުން ރާއްޖެއަށް ލިބިފައިވަނީ ހަތަރުވަނައެވެ.
މި މެޗުގައި ރާއްޖެ ޓީމަށް ގޯލުތައް ޖަހައިދިނީ އައިޝަތު ފިރުޝާ އާއި އައިމިނަތު ޝާމިލާ އެވެ. މި މެޗުގައި ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ.
ލީގު އުސޫލުން ކުރިޔަށްދާ އަންހެން ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އިންޑިއާ އާއި ނޭޕާލްއެވެ. ލޯ މެޑަލް މެޗުގައި ބައްދަލުކޮށްފައިވަނީ ރާއްޖެއާއި ލަންކާއެވެ. މި މުބާރާތުން ރާއްޖެ ލޯ މެޑަލް ހޯދީ ތިން ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި ސްރީލަންކާ ޓީމަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.
ފަހަކަށް އައިސް ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ދަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދަމުންނެވެ. އަންހެނުންގެ ސާފް ޗެމްޕިއަންޝިޕުގައި 2010 ވަނަ އަހަރު ބައިވެރިވާ ފެށިފަހުން އަހަރަކަށްފަހު އަހަރެއް ޓީމުގެ ފަަރާތުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ފެނިފައެވެ. އެންމެފަހުން 2016 ވަނަ އަހަރު ބޭއްވި މުބާރާތުން ރާއްޖެ ވަނީ ސެމީފައިނަލާޢި ހިސާބަށް ދަތުރުކޮށްފައެވެ.
ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ވަނީ މިދިޔަ މަހު ސިންގަޕޫރުގައި އޮތް އިންޓަނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ މަގާމު ހޯދާފައެވެ.
ލޯ މެޑަލް ހޯދި ޓީމުގެ ކޯޗަކީ އަހުމަދު ނާޝިދު (ނާދު )އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ