ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (މެއި 19) - ތިން އަހަރަށް ފަހު ބްރެޒިލްގެ ގައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ނޭމާގެ ނަން ހިމަނައި، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާނެ ބްރެޒިލްގެ ޓީމު އިއުލާނުކޮށްފި އެވެ
އުމުރުން 34 އަހަރުގެ ނޭމާ އެންމެ ފަހުން ބްރެޒިލަށް މެޗެއް ކުޅެދިނީ 2023 ވަނަ އަހަރު އެވެ. އަނިޔާ އާއި ފިޓްނަސްގެ އެކި މައްސަލަތަކުގެ ސަބަބުން ބްރެޒިލް ޓީމަށް ނޭމާ އަށް އެރޭ ގޮތެއްނުވި އެވެ. މިދިޔަ މާޗް މަހު ބްރެޒިލުން ކުޅުނު އެކުވެރިކަމުގެ ދެ މެޗަށް ނެގި ޕްރިލިމިނަރީ ސްކޮޑު ލިސްޓުގައި ނޭމާގެ ނަން އޮތެވެ. އެކަމަކު، އަނިޔާއާ ހެދި ނޭމާ ވަކިވާން ޖެހުނީ އެވެ.
ބްރެޒިލްގެ ކޯޗު، އިޓަލީގެ ކާލޯ އަންޗެލޮޓީ ބުނަމުން އައީ ފިޓްކޮށް ހުރެފިނަމަ ނޭމާ އަށް ބްރެޒިލްް ޓީމުން ފުރުސަތު އޮންނާނެ ކަމަށެވެ. އަންނަ މަަހު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގައި ކުޅޭ ބްރެޒިލްގެ 26 ކުޅުންތެރިންގެ ސްކޮޑުގައި. ނޭމާގެ ނަން ހިމެނީ ފަހަކަށް އައިސް ފިޓްވުމަށްޓަކައި އޭނާ ކުރި މަސައްކަތް ކާމިޔާބުވެ، ބްރެޒިލްްގެ މެނޭޖްމަންޓަށް އެކަން ޔަގީންކޮށްދިނުމުންނެވެ.
ވޯލްޑް ކަޕްގައި ކުޅޭ ސްކޮޑު އިއުލާނުކުރުން ބްރެޒިލުން ބޭއްވީ ރިއޯ ޑި ޖަނެއިރޯގައި ބޭއްވި އިވެންޓެއްގަ އެވެ. އެ އިވެންޓްގެ ތެރެއިން ސްކޮޑުގެ ކުޅުންތެރިންގެ ނަންތައް އިއުލާނުުކުރަމުން ދިޔައިރު، ނޭމާގެ ނަމާ އެކު ސަޕޯޓަރުންގެ އަޑުތައް ގަދަވި އެވެ.
"އަހަރެމެން މުޅި އަހަރު މިދިޔައީ ނޭމާ އެނަލައިޒްކުރުމުގައި. އަހަރެމެންނަށް ވިސްނުނީ، އެންމެ ފަހުން މި އައި މުއްދަތުގައި ފިޒިކަލީ ނޭމާ އެ ހުރީ އެންމެ ރަނގަޅު ހާލަތުގައޭ،" އަންޗެލޮޓީ، 66، ބުންޏެވެ.
ނޭމާ އަކީ ބްރެޒިލް ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 128 މެޗުން 79 ލަނޑު ޖަަހައިފަ އެވެ.
ބްރެޒިލްގެ ސްކޮޑުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ މި ސީޒަނުގައި ޗެލްސީ އަށް 15 ގޯލު ޖަހައިދީ ފަސް ގޯލު ޖަހަން ފުރުސަތު ހޯދައިދިން ޖާއޯ ޕެޑްރޯ އަށެވެ. ޖާއޯ ޕެޑްރޯގެ އިތުރުން ޗެލްސީ އަށް ކުޅޭ އެސްޓެވާއޯ އަށް ވެސް އަނިޔާގެ ސަބަބުން ބްރެޒިލް ސްކޮޑުން ފުރުސަތު ނުލިބުނެވެ.
ފަސް ފަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލުން މި ފަަހަރުގެ މުބާރާތް ފަށާނީ، އަންނަ މަހު 13 ވަަނަ ދުވަހު މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ދެ ވަަނަ މެޗުގައި ހައިޓީއާ ދެކޮޅަށް އަންނަ މަހުގެ 20 ވަނަ ދުވަހު ކުޅުމަށް ފަހު، އޭގެ ހަަތަރު ދުވަސް ފަހުން ގްރޫޕްގެ ފަހު މެޗުގައި ސްކޮޓްލެންޑާ ބައްދަލުކުރާނެ އެވެ.
ނޭމާ ހިމަނައިގެން ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑު އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ