ގާޑިއޯލާ، މެންޗެސްޓާ ސިޓީ ދޫކޮށްލަން ނިންމަނީ؛ ހަވާލުވަނީ މަރެސްކާ!

މެންޗެސްޓާ (މެއި 19) - މި ސީޒަން ނިމުމުން މެންޗެސްޓާ ސިޓީގެ ކޯޗުކަމުން ޕެޕް ގާޑިއޯލާ ވަކިވާން ނިންމާފައިވާ ކަމަށާއި އެ މަގާމާ ހަވާލުވާނީ ކުރިން ޗެލްސީން އަށް ކޯޗުކޮށްދިން އެންޒޯ މަރެސްކާ ކަމަށް އިނގިރޭސި ގިނަ މީޑިއާތަކަކުން ރިޕޯޓްކޮށްފި އެވެ.  
އުމުރުން 55 އަހަރުގެ ގާޑިއޯލާ، ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަހަރެއް އެބައޮތެވެ. އޭނާއާ އެންމެ ފަހުން މުސްތަގުބަލާ ގުޅޭގޮތުން ސުވާލުކުރުމުން ވެސް އެކަން ފާހަގަކޮށްފައިވެ އެވެ.
އެހެން ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން، ގާޑިއޯލާ، އަމިއްލަ އަށް މިހާރު ނިންމާފައި އޮތީ 10 އަހަރަށް ފަހު ސިޓީގެ ކޯޗުކަން ދޫކޮށްލުމަށެވެ. 
ބާސެލޯނާ އާއި ބަޔާން މިއުނިކަށް ކުރިން ކޯޗުކޮށްދިން ގާޑިއޯލާ ވަނީ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވުމަށް ފަހު، މިހާތަނަށް އެ ޓީމަށް 20 ޓްރޮފީ ހޯދައިދީފަ އެވެ. އޭގެ ތެރޭގައި، ބޮޑު މުބާރާތްތަކުގެ 17 ތަށި ހިމެނެ އެވެ. ހާއްސަ ކާމިޔާބީތަކަށް ބަލާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހަ ފަހަރު ހޯދުމާއި އެފްއޭ ކަޕްގެ ތަށި ތިން ފަަހަރު، ލީގު ކަޕް ތަށި ފަސް ފަަހަރު ހޯދުމުގެ އިތުރުން، ސިޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގާއި ސުޕަ ކަޕް ކާމިޔާބުކުރުން ހިމެނެ އެވެ. 
މި ފަަހަރުގެ ޕްރިމިއާ ލީގުގައި ސިޓީން ކުޅޭ ފަހު މެޗު، ކަމަށްވާ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗު ވެގެންދާނީ ސިޓީ އަށް ގާޑިއޯލާ ކޯޗުކޮށްދޭ ފަހު މެޗަށް ވުމުގެ ފުރުސަތު މިހާރު މި ވަނީ ބޮޑުވެފަ އެވެ. އަދި، އެ ކަމަށްޓަކައި، ސިޓީގެ ސީނިއާ މެނޭޖްމަންޓުން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. 
އެކަމަކު، އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތާ ދެކޮޅަށް ސިޓީ ކުޅޭ މެޗުގެ ކުރިން ސުވާލުކުރުމުން ވެސް ގާޑިއޯލާ ވަނީ ކޮންޓްރެކްޓްގައި އިތުރު އަހަރެއް އޮތް ކަމަށް ބުނެފަ އެވެ. 
ގާޑިއޯލާ އަށް ފަހު ސިޓީއާ ދެން ހަވާލުވާނެ ކޯޗަކީ ކުރިން ގާޑިއޯލާގެ އެސިސްޓަންޓް ކޯޗަކަށް ސިޓީގައި މަސައްކަތްކުރި މަރެސްކާ އެވެ. ޗެލްސީ އަށް ޔުއެފާ ކޮންފަރެންސް ލީގާއި ފީފާ އިން އާ ފޯމެޓަށް ބޭއްވި ފުރަތަމަ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މަރެސްކާ އެ ޓީމުގެ ކޯޗުކަމުން ވަކިކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. މަރެސްކާއާ އެކު ސިޓީން މި ސީޒަން ތެރޭގައި ވަނީ މަޝްވަރާތަކެއް ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ