ބާންލީ ބަލިކޮށް ލީގުގެ ރޭހުގައި އާސެނަލުން ބޮޑު ފިޔަވަޅެއް ކުރިއަށް

ލަންޑަން (މެއި 19) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން 1-0 އިން ބާންލީ ބަލިކޮށް، ލީގު ޗެމްޕިއަންކަން ހޯދުމަށްޓަކައި ބޮޑު ފިޔަވަޅެއް ކުރިއަށް އަޅައިފި އެވެ
ޕްރިމިއާ ލީގުގައި ދެން އާސެނަލް ކުޅޭ މެޗުން ކްރިސްޓަލް ޕެލަސް ބަލިކޮށްފިނަމަ، ނޫނީ މެންޗެސްޓާ ސިޓީ އަށް މިރޭ ބޯންމައުތު ބަލިނުކުރެވިއްޖެނަަމަ، 22 އަހަރު ތެރޭ ފުރަތަަމަ ފަހަރަށް އާސެނަލަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. 
އާސެނަލަށް ލީގުގައި ބާކީ އެއް މެޗު އޮތްއިރު، އެއް ވަަނައިގައި އޮތީ 37 މެޗުން 82 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 36 މެޗުން ވަނި 77 ޕޮއިންޓް ލިބިފަ އެވެ. 
އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން އާސެނަލަށް ލީޑުނަގައިދޭން ލެއަަންޑްރޯ ޓްރޮސާޑް ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. އަދި، ބާންލީގެ ލޫކަސް ޕިރޭސް ކައިރިން ނައްޓާފައި އާސެނަލްގެ ބުކާޔޯ ސަކާ ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލު ކައިރިންނެވެ. 
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފެނިގެންދިޔައީ 37 ވަނަ މިނިޓްގަ އެވެ. މިއީ، ސަކާ ނަގައިދިން ކޯނަރަކުން ކައި ހަވާޓްޒް ޖެހި ގޯލެކެވެ. މި މެޗުގައި ހަވާޓްޒް ވަނީ ރަތް ކާޑު ދެއްކޭނެ ހާލަތަކުން ރީނދޫ ކާޑެއް ހޯދައިގެން ސަލާމަތްވެފަ އެެވެ. އެ ގޮތުން، ދެ ވަނަ ހާފުގައި، ބާންލީގެ ލެސްލީ އުގޮޗުކްވޫ އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ހަވާޓްޒް ކުރި ފަައުލު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އެއީ ރަތް ކާޑެއް ދައްކަން ޖެހޭ ފައުލެއްތޯ ބެލި ނަމަވެސް، ރެފްރީ ނިންމީ ރީނދޫ ކާޑު ދައްކަން ނިންމި ނިންމުން ދަމަހައްޓާށެވެ. 
އާސެނަލްގެ ލީޑުފުޅާކުރަން އެބެރެޗީ އެޒޭ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. 
ލީގުގެ 19 ވަނައިގައި އޮތް ބާންލީން މި މެޗުގައި ކުރިއަށްޖެހިގެން ލަނޑެއް ޖެހޭތޯ މަސައްކަތްތަކެއް ކުރި ނަމަވެސް، އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ އަށް ނުރައްކާ ކުރެވޭވަރުގެ ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ