ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ބަދަލުކޮށްގެންވިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބަލާނެ ކަމަށް ވިދާޅުވެ ކަނޑިތީމު ދާއިރާގެ މަޖިލީސް މެންބަރު އަބްދުﷲ ޝަހީމް އިންޒާރު ދީފިއެވެ.
މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ކުރީގެ ރައީސް ޔާމީނާއި އެކު ވައްކަމުގައި ބައިވެރިވެފައިވާ ބޭފުޅުންގެ ޝަރީއަތް ހިންގަން ޖެހޭނެ ކަމަށައި އެބޭފުޅުން އެކަން ހިންގޭވަރަށް ނިޒާމު ހަރުދަނާ ކުރާނެ ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމް ބަދަލު ކޮށްގެން ވިއަސް އެކަން ކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"ޔާމީން އަބްދުލް ގައްޔޫމާއި އޭނާއާއި އެއްކޮށް ވައްކަން ކުރި މިތިބަ ބޭފުޅުންގެ ޝަރީއަތްތައް މިގައުމުގައި ހިނގަން ޖެހޭނެ. ހިންގޭނެ. ހިންގޭވަރަށް އަޅުގަނޑުމެންގެ ނިޒާމު ހަރުދަނާ ކުރާނަން. އަޅުގަނޑުމެން ބަދަލު ގެންނާނަން. އެއީ ހައިލަމް ވަކި ކޮށްގެންވިއަސް އެކަން އަޅުގަނޑުމެން ކުރާނަން" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، ދިވެހި ރާއްޖެ ބަދަލުވާން ޖެހޭނެ ކަމަށާއި އެބޭފުޅުން އެއުޅުއްވަނީ ރާއްޖޭގައި ތިބި ދިވެހި ރައްޔިތުންނަށް އަދުލު އިންސާފު ކަށަވަރުކޮށްދެއްވަން ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅާ މީހުން ބަލައިނުގަނެވޭނެ ކަމަށެވެ.
"އިއްޒަތްތެރި ރައީސް މި ރާއްޖެ ބަދަލުވާން ޖެހޭ. އަޅުގަނޑުމެން މިއުޅެނީ މިރާއްޖޭގެ އަދުލު އިންސާފު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކަށަވަރުކޮށްދެއްވަން. އެކަން ކުރަން ހުޅަސް އަރާ އެއްވެސް މީހަކަށް އަޅުގަނޑު ގަބޫލެއް ނުކުރާނަން" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް އެގޮތަށް ވާހަކަ ދައްކާފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން ގޮވާލައި ވާހަކަ ދައްކަވަމުން ދިޔަ ދަނޑިވަޅެއްގައެވެ.
ގިނަ މެންބަރުން ހައިލަމް ސަސްޕެންޑް ކުރުމަށް ގޮވާލާފައިވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާގެ މެސެޖެއް ގޮތުގައި ހައިލަމް ވައިބަރ ގުރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ސޯލިހް އާއި، ރައީސް ނަޝީދު އަދި ނޮވެމްބަރު 3 ގެ ބާޢީންގެ ކަރުގައި ޗޭނު އަޅުވައިގެން ގެންދާ މަންޒަރު ފެންނަ ފޮޓޯ އެއް ކޯޓުގެ ވައިބާ ގްރޫޕެއްގައި ހިއްސާ ކުރެއްވުމުންނެވެ.
"ގާޒީ ހައިލަމް ބަދަލުކޮށްގެން ވިޔަސް ޔާމީން މައްސަލަ ބަލާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ