ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލްގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް އަދިވެސް ނުލިބޭ ކަމަށާއި މައްސަލަ އިސްތިއުނާފުކުރުމާ މެދު ގޮތެއް ނިންމިފައި ނުވަނީ އެހެންވެގެން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
އާދިލްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެހެން ނަމަވެސް މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު އެ ކޯޓުން ހުކުމްކޮށްފައި ވަނީ އާދިލްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މައްސަލައިގެ ހުކުމްކުރިތާ ދެތިން ދުވަސް ފަހުން އެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ހޯދުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ރިޕޯޓް ލިބިފައިނުވާތީ އެ ރިޕޯޓް ހޯދުމަށް މިއަދު ދެ ވަނަ ފަހަރަށް ކޯޓުގައި އެދިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ ރިޕޯޓް ލިބުނުހާ އަވަހަކަށް އެ މައްސަލަ ދިރާސާކޮށް އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
މިކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ބަހެއް މިއަދުވަނީ ލިބޭގޮތް ނުވެފަ އެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެ މައްސަލަ މިހާރު ދިރާސާކުރަމުންދާ ކަމަށެވެ. އަދި މައްސަލަ ދިރާސާކޮށް ނިމުނުހާ އަވަހަކަށް އެ މައްސަލަވެސް އިސްތިއުނާފްކުރުމާއި މެދު ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރެޑްވޭވް ސަލީމްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިންކަމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގަ ސަލީމްގެ މައްޗަށް ވެސް ކުށް ސާބިތެއް ނުވެ އެވެ. މި މައްސަލައިގެ ހުކުމްކޮށްފައިވަނީ މިދިޔަ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ.
އެ ދެ މައްސަލަވެސް ބައްލަވާ ހުކުމްކުރައްވާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އެވެ.
ކޯޓުތަކުގެ ގާނޫނު ބުނާގޮތުން ދަށު ކޯޓުން ނިންމާ ނިންމުމެއް ހައި ކޯޓުގައި އިސްތިއުނާފްކުރާ ނަމަ އެ މައްސަލައެއް ދަށު ކޯޓުން ނިންމި ދުވަހުން ފެށިގެން ލަސްވެގެން 90 ދުވަސް ތެރޭގައި އިސްތިއުނާފްކުރަންވާނެ އެވެ.
މެމްބަރު އާދިލްގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓް ނުލިބިގެން އިސްތިއުނާފާ މެދު ގޮތެއް ނުނިންމިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ