ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމް އެޕާޓީން ވަކިކުރުމުގެ މަސައްކަތް އެޕާޓީގެ ފުރަތަަމަ ކޮންގްރެސްއާއި ހަމައިން ކުރިން ޕީއޭގައި ތިއްބެވި މެންބަރުން ފަށާފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ޕީޕީއެމްއިން ރޭ ވަކިކުރުމާއި ގުޅިގެން އުމަރު ނެރުއްވާފައިވާ މެސެޖެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްއަކީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތާއި، އެހީތެރިކަމުގައި އުފައްދާފައިވާ ޕާޓީއެއްކަމަށެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ ރައީސް އަދި ޕާޓީގެ ބާނީ ރައީސް މައުމޫން އެޕާޓީން ވަކިކުރިކަމަށް ރޭ ހާމަކޮށްފައިވީނަމަވެސް، މައުމޫން ޕާޓީން ވަކިކުރުމަކީ ވަރަށް ޕްލޭން ކުރެވިގެން ކޮށްފައިވާކަމެއްކަމަށެވެ. މި މަސައްކަތް ކުރިން ރައީސް ޔާމީން އުފެއްދެވި ސިޔާސީ ޕާޓީކަމުގައިވާ ޕީއޭއަށް ނިސްބަތްވާ މެންބަރުން ފަށާފައިވަނީ ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްގެ ތެރެއިންކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެ މަަސައްކަތް ނިންމާލި ދުވަހަކީ އިއްޔެކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މި ހުރިހާ މަންޒަރެއް އެއްކޮށް ދުށުމުގެ ފުރުސަތު ލިބުނު މީހުންނަށް މިއީ ލިބުނު ވަރަށް ބޮޑު ފިލާވަޅެއްކަމަށެވެ. އެ ފިލާވަޅަކީ ތިމާގެ ކަމަށްވުރެ މުހިންމީ ތެދުވެރިކަމާއި އިޚްލާސްތެރިކަން ކަމުގެ ފިލާވަޅުކަމަށް އުމަރު ވިދާޅުވިއެވެ.
ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އެޕާޓީން ވަކިކޮށްފައިވަނީ އެކަމަށްއެދި ކައުންސިލަށް ހުށައެޅި ގަރާރަށް ތާއީދުކޮށް ސުލޫކް ކޮމެޓީއަށް ފޮނުވި މައްސަލަ ބެލުމަށްފަހުއެވެ.
ރައީސް މައުމޫނަށް ތާއީދުކުރާ ކައުންސިލުން ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައިވާ ސުލޫކީ ކޮމެޓީން ރޭ ވަނީ އެ މައްސަލަ ބެލުމަށްފަހު އެ ކޮމެޓީ މެންބަރުންގެ އަގުލަބިއްޔަތުން ރައީސް މައުމޫން ޕީޕީއެމްއިން ވަކިކުރަން ނިންމާފައިވާކަމަށް ބުނެފައެވެ.
މިކަމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްގެ ރައީސަކީ އެމަނިކްފާނުކަމަށާ ދަރުބާރު ފެކްޝަނަށް ހައިސިއްޔަތެއް ނެތްކަމަށެވެ.
ރައީސް ޔާމީންގެ ފެކްޝަނަށް އިޝާރާތްކުރައްވާ ރައީސް މައުމޫން ވިދާޅުވީ ދަރުބާރުގޭ ފެކްޝަނަކަށް ޕީޕީއެމްގެ އެއްވެސް މެންބަރަކު ޕާޓީން ވަކިކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތްކަމަށެވެ. އަދި މާތްﷲގެ ރަހުމަތްފުޅުން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމި ހުންނަވާނެކަމަށް މައުމޫން ވިދާޅުވިއެވެ.
އަދި އެމަނިކްފާނަކީ ހަމައެކަނި އިންތިހާބު ކުރެވިފައިވާ ޕާޓީގެ ރައީސް އަދި ޕީޕީއެމްގެ ލީޑަރުކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މައުމޫން ޕީޕީއެމްއިން ވަކިކުރުން: ތިމާގެ ކަމަށްވުރެ މުހިންމީ ތެދުވެރިކަމާއި އިޚްލާސްތެރިކަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ