ގާސިމް އިބްރާހީމް، މިއަދު ހަވީރު ކޯޓަށް ހާޒިރު ކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، މިއަދު ހަވީރު 4 ޖަހާއިރަށް ކްރިމިނަލް ކޯޓަށް ހާޒިކުރަން ނިންމައިފި އެވެ.
ރޭ މެންދަރު ބާރަޖެހިފަހުން ފުލުހުން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ގެކޮޅު، މާފަންނުވިލާއަށް ވަދެ ކޯޓު އަމުރެއް ދެއްކުމަށްފަހު އެމަނިކުފާނު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފަ އެވެ. އަދި މި ބަންދާއި މެދުގޮތެއް ނިންމަން އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައި ވަނީ މިއަދު 4 ޖަހާއިރަށް ކަމަށް މައުލޫމާތު ލިބެ އެވެ.
ގާސިމް ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރާއިރު، އެމަނިކުފާނުގެ ޤާނޫނީ ޓީމުން ބުނީ، ކޯޓުން ނިންމާ ގޮތެއް ބެލުމަށްފަހު، އާދިއްތަ ދުވަހު އެމަނިކުފާނު ބަންދުގެ މުއްދަތު އިސްތިއުނާފް ކުރަން ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ. ގާސިމް އިބްރާހީމް ކުއްލި ގޮތަކަށް ރޭ ހައްޔަރުކުރި އިރު، ގާސިމް އިބްރާހީމްގެ ހަށިފާރަވެރިޔަކު ބުނީ ފުލުހުން އެމަނިކުފާނު ހައްޔަރުކުރީ، މާފަންނުވިލާއަށް ވަދެ އެމަނިކުފާނު އަތްޕުޅަށް ލިޔުމެއް ދިނުމަށްފަހު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރައްވާނީ ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށެވެ. އަދި މިފަދަ އަމުރަކަށް އެ ކޯޓްގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށެހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށްވެސް އެ މާއްދާގައިވެ އެވެ.
އެ މާއްދާ އާއި ޚިލާފަށް ފުލުހުން ވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭވެސް ގާސިމް އިބްރާހީމް ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން ވަނީ، ގާސިމް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ގާނޫނާ ހިލާފު ބާތިލް އަމުރެއް ކަމަށް ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ