އަލީ އާޒިމު އެމްޑީޕީއަށް ސޮއި ކުރައްވައިފި

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ އާޒިމު އެމްޑީޕީއަށް ސޮއި ކުރައްވައިފި އެވެ.
އާޒިމް އެމްޑީޕީއަށް ސޮއިކުރެއްވިކަން އެމްޑީޕީގެ ޕާލަމެންޓް ގްރޫޕުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވެސްވަނީ ކަށަވަރުކޮށްދެއްވާފައެވެ. އާޒިމް ސޮއި ކުރެއްވިކަން އިބޫ ކަށަވަރުކޮށް ދެއްވާފައިވަނީ އޭނާ ކުރައްވާފައިވާ ޓްވިޓްއެއްގައެވެ.
އާޒިމުވެސް ވަނީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަންނަވަން ނިންމެވިކަމަށް ވިދާޅުވެ ޓްވިޓްކުރައްވާފައެވެ.It is time for me to move forward. Today I have decided quit DRP and join MDP.— Ali Azim (@aliaazim) June 10, 2013
އެނގިފައިވާ ގޮތުގައި އާޒިމު ސޮއި ކުރައްވާފައިވަނީ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން މޫސާ މަނިކާއި ޕީޖީ ލީޑަރު އިބުރާހީމު މުހައްމަދު ސޯލިހުގެ ހާޒިރުގައި މަޖިލީހުގައެވެ.
މިހަބަރާއި ގުޅޭ ގޮތުން އާޒިމުގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ. ސީއެންއެމަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ އެމްޑީޕީން ހާމަ ކުރަމުންދާ ސިޔާސަތުތަކާއި ޕޮލިސީތަކައި އެކު އިތުރު މެމްބަރުންނާއި ސިޔާސީ ފަރާތްތަކުން އެޕާޓީއާއި ގުޅިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ވެރިކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ސިޔާސަތެއް ރައްޔިތުންނަށް ގެނެސްމިދެނީ އެމްޑީޕީން އެކަނި. އެއާއި އެއްވަރުގެ އެހެން ސިޔާސަތެއް ނެރެވޭނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. މިކަންތައްތަކައި ވިސްނަވާ ބޭފުޅުން އެބަތިއްބެވި، އެބޭފުޅުން ނަންގަވާނެ އެޑިސިޝަން. އަޅުގަނޑަށް ޔަގީން ކުރިއަށް އޮތްތަނުގައި ވެސް އިތުރު މެމްބަރުންނާއި އެހެނިހެން ވެސް ސިޔާސީ ބޭފުޅުން ގުޅިވަޑައިގަންނަވާނެ ކަން،" އިބޫ ވިދާޅުވިއެވެ.
އާޒިމު އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމުން އެޕާޓީގެ މެމްބަރުންގެ އަދަދު 33 އަށް އެރީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ