އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރާ އަބްދުލް މުގްނީ އަށް އެ ޕާޓީން ކުރި ތާއީދު މިއަދު އަނބުރާ ގެންގޮސްފައިވާތީ، ކުރީގެ ރައީސް އަދި ސަރުކާރު ކޯލިޝަންގެ ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ބާނީ މައުމޫން އަބްދުލްގައްޔޫމް އެމްޑީޕީއަށް ތައުރީފް ކުރައްވައިފި އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ގެވެށި އަނިޔާގެ ސީރިއަސް މައްސަލައަކާއި ގުޅިގެން، އެމްޑީޕީގެ ޓިކެޓުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރާ އަބްދުލް މުގްނީ އަށް އެމްޑީޕީން ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާތީ ސާބަސް ދޭ ކަމަށެވެ. އަދި އެއީ އެމްޑީޕީން ނިންމި ވަރަށް ރަނގަޅު ނިންމުމެއް ކަމަށްވެސް މައުމޫން ވިދާޅުވެފައި ވެއެވެ.I applaud @MDPSecretariat for withdrawing support from an MDP candidate who is facing serious allegations of domestic violence. A very good decision.— Maumoon Abdul Gayoom (@maumoonagayoom) March 18, 2019
އެމްޑީޕީން މުގްނީ އަށް ކުރި ތާއީދު އަނބުރާ ގެންދިޔައީ އޭނާގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާ ގުޅިގެންނެވެ. އެގޮތުން އެތައް ބަޔަކު މީގެ ކުރިން ދިޔައީ ގެވެށި އަނިޔާ ފަދަ ބޮޑެތި މައްސަލަތަކުގެ ތުހުމަތު ކުރެވޭ މީހަކު އެ ޕާޓީގެ ޓިކެޓުގައި މަޖިލީސް އިންތިހާބަށް ވާދަކުރާތީ ކަންބޮޑުވުން ފާޅު ކުރަމުން ނެވެ.
މުގްނީއަށް އެމްޑީޕީން ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާއިރު، ތިނަދޫ އުތުރު ދާއިރާއަށް އޭނާއާ ވާދަކުރައްވަނީ ރައީސް މައުމޫންގެ ތާއީދާއެކު އެދާއިރާއަށް ކުރިމަތި ލައްވާފައިވާ އަދި މިހާރުވެސް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ. ދެން އެދާއިރާއަށް ވާދަކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއް ކަމަށްވާ އިކްލީލް އާދަމް އެވެ.
އެހެންކަމުން ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ތާއީދު ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމްގެ ކެންޑިޑޭޓް ސައުދުﷲ ހިލްމީއަށް ދިއުމަކީ ވަރަށް ގާތްކަމެކެވެ. ނަމަވެސް މިހާތަނަށް އެމްޑީޕީން ރަސްމީކޮށް އެކަން އިއުލާން ކޮށްފައެއް ނުވެއެވެ.
މުގްނީއަށް ތާއީދު ނުކުރަން ނިންމުމުން މައުމޫން އެމްޑީޕީއަށް ތައުރީފް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ