ފެންނަމުން މިދަނީ އަދުލު އިންސާފުގެ ދާއިރާއަށް މިނިވަންކަން ލިބިގެންދާ ކަމުގެ ހެކި: ގާސިމް

މިހާރު ފެންނަމުން މިދަނީ އަދުލުއިންސާފުގެ ދާއިރާއަށް މިނިވަންކަން ލިބިގެންދާކަމުގެ ހެކި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކަފާލާތުގެ ދަށުން އޭނާ މިނިވަންކުރުމަށް ހައިކޯޓުން މިރޭ އަމުރުކޮށްފައިވަނިކޮށް ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ 23 ސެޕްޓެމްބަރުގައި ރައްޔިތުން ނިންމި ނިންމުން ބަލައިގަންނާނެ ކަމަށް ސިފައިންނާއި ފުލުހުން ބުނެފައި ވަނިކޮށް ފެންނަމުން މިދަނީ ހުރިހާ ކަމެއްވެސް ބަދަލުވަމުންދާ މަންޒަރު ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ވަރަށްވެސް ސާފުކަމާއެކީ އަޅުގަނޑަށް ބިރުވެރިކަމެއް ނެތޭ މިއަދަކު. އަދުލު އިންސާފުގެ ދާއިރާއަށް ވެސް މިނިވަންކަން ލިބެމުންދާކަމުގެ ހެކި ފެންނަމުން މިދަނީ،" ގާސިމް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުން ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް ވިދާޅުވީ ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ "ކްރިމިނަލް ކޯޓުން ހެދިކަހަލަ ގޯހެއް" ނަހަދަންވެގެން ކަމަށެވެ. އަދި އެކަމަށްޓަކައި ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ގާސިމް ޝުކުރު އަދާކުރެއްވިއެވެ.
"ޖުޑިޝަރީ ރަނގަޅު މަގަށް ސާބިތުކަމާއެކު ފިޔަވަޅު އަޅައިފިކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ އެބޭފުޅުންނަށް އިޚްލާސްތެރިކަމާއެކު ފަށްފަށުން ޝުކުރު ދަންނަވަނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާ އަކީ ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށްޓަކައި 1984 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށެވެ. އެކަމުގައި ވަރަށް ބުރަ މަސައްކަތް ކޮށްފައިވާނެ ކަމަށާއި އަބަދުވެސް ދައްކަމުން އައީ އިންސާފުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮރަޕްޝަނާއި ފަސާދަ ނެތިކޮށްލުމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ގައުމުގެ މުއްސަނދިކަން އިތުރުކުރުމަށް ވެސް އޭނާ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ކަފާލާތުގެ ދަށުން މިރޭ މިނިވަންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ