ގާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާންޖެހޭނެ: މައުމޫން

ގާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާންޖެހޭނެކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ކުރީގެ ވަޒީރު އަބްދުﷲ ކަމާލުއްދީން މިއަދު ކުރައްވާފައިވާ ޓްވީޓަކަށް ޖަވާބުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ އިސްލާހީ ހަރަކާތް "މޯލްޑިވްސް ރިފޯމް މޫވްމަންޓް"ގައިވެސް އިސްކޮށް ހަރަކާތްތެރިވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވީ އުމުރުން 65 އަހަރުވުމުން ރައީސްކަމެއް ނުކުރެވުމާއި، ރައީސްކަން ކޮށްފިނަމަ މެންބަރުކަން ނުކުރެވުމާއި އަދި އެއްރަށެއްގައި ވިހައިފިއްޔާ އަނެއް ރަށަކަށް ޚިދުމަތްކޮށްގެން ނުވާނެކަމަށް ބުނުމުން މުޅިންވެސް މި ކުރެވޭކަމަކީ ފާހަގަ ކަނޑައެޅުންކަމަށެވެ.
އަބްދުﷲ ވިދާޅުވީ އެއްވަރުވާންވީ ނަތީޖާއެއް ނޫންކަމަށާ އެއްވަރުވާންވީ ފުރުސަތުކަމަށެވެ.
އަބްދުﷲ ކަމާލުއްދީންގެ މި ވާހަކަތަކަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ރައީސް މައުމޫން ވިދާޅުވީ ޖިންސަކަށް، ކުލައަކަށް އަދި އުފަން ރަށަކަށް، އުމުރަކަށް ބެލުމެއްނެތި، ގާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާންޖެހޭނެކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވާ، މައްޗަންގޮޅީ މެދު ދާއިރާއަށް ކެންޕެއިންވެސް ފައްޓަވާފައިވަނިކޮށް، މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު ވަނީ ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭގޮތަށް އިންތިޚާބުތަކާއިބެހޭ ގާނޫނަށް އިސްލާހު ހުށައަޅުއްވާފައެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އެކި ޚިޔާލުތައް ފާޅުކުރަމުންދާއިރު، ލަތީފްގެ މި އިސްލާހަކީ ގާނޫނުއަސާސީއާއި ޚިލާފު އިސްލާހެއްކަމަށް ބައެއް ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި މިއީ ސީދާ ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ލަތީފު ހުށައަޅުއްވާފައިވާ އިސްލާހެއްކަމަށް ނަޝީދަށް ވަފާތެރި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މަޖިލީސް އިންތިޚާބުގައި ކުރީގެ ރައީސް ޔާމީންވެސް ވާދަކުރައްވާނެކަމަށް ބެލެވޭއިރު، ލަތީފް ވިދާޅުވީ މިއީ ވަކި ބޭފުޅަކަށް އަމާޒުކޮށް ހުށައަޅުއްވާފައިވާ އިސްލާހެއް ނޫންކަމަށެވެ.
ނިމެމުންދާ 18ވަނަ މަޖިލީހުން މީގެ ކުރިން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް މުހައްމަދު ވަހީދަށް ވެރިކަމަށް ކުރިމަތިނުލެއްވޭގޮތަށް، އުމުރުން 65 އަހަރުފުރުމުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިނުލެވޭގޮތަށް ގާނޫނުއަސާސީއަށް އިސްލާހުވެސް ގެނެސްފައެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު މި ނިންމުން މަޖިލީހުން ވަނީ ބަދަލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ