މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓުން ކެމްޕޭނަށް ކުރެއްވި ހަރަދު 83 މިލިއަން ރުފިޔާ އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.
އެ ކޮމިޝަނުގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އިންތިހާބަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަދި ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޑީއާރުޕީން 33.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ހޭދަކުރެއްވީ 29.9 މިލިއަން ރުފިޔާ އެވެ. ފުރަތަމަ ބުރުގައި ހަތަރު ވަނަ ހޯއްދެވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކުރެއްވި ހޭދަ 13.9 މިލިއަން ރުފިޔާ އަށް އަރަ އެވެ. ފުރަތަމަ ބުރުގައި ތިން ވަނަ ހޯއްދެވި ޑރ. ހަސަން ސައީދު ވަނީ 2.8 މިލިއަން ރުފިޔާ އަދި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ އުމަރު ނަސީރު 1.5 މިލިއަން ރުފިޔާ ހަރަދުކުރެއްވި އެވެ. އެންމެ ފުލަށް ދިޔަ ސޯޝަލް ލިބަރަލް ޕާޓީގެ އިބްރާހިމް އިސްމާއިލް (އިބްރާ) ހަރަދުކުރައްވާފައި ވަނީ 1.8 މިލިއަން ރުފިޔާ އެވެ.
އިލެކްޝަންސްގެ ވެބްސައިޓްގައިވާ ގޮތުން ޑީއާރުޕީގެ ކެމްޕެއިނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ އަތަމާ މެރިން ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުނިން ކުރި ހަރަދު 6.1 މިލިއަން ރުފިޔާ އަށް އަރަ އެވެ. ޑީއާރުޕީގެ ކެމްޕޭންގެ އެކިއެކި މެޓީރިއަލް ތައްޔާރުކުރުމަށް އިނަ މޯލްޑިވްސް ހޮލިޑޭސްގެ ފަރާތުން 5.7 މިލިއަން ރުފިޔާ، ޝާހު ހުސެއިން އެންޑް ކޯގެ ފަރާތުން 3 މިލިއަން ރުފިޔާ އަދި ކާޓިއުންސް އިން 2.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިނަށް އެމްޑީޕީން ހޭދަކުރި ފައިސާ ދިން ފަރާތްތައް ވެބްސައިޓްގައި ހާމަކޮށްފައެއްނުވެ އެވެ. ހަމައެހެން އައިޑީޕީގެ ކެންޑިޑޭޓު ފައިސާ ހޯއްދެވި ގޮތުގެ ތަފުސީލެއް ވެސް ނެތެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމްގެ ކެމްޕެއިނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ ގާސިމްގެ އާއިލާ އަށް ނިސްބަތްވާ ވިލާގެ އެކި ކުންފުނިތަކުންނެވެ. މީގެ އިތުރުން އެ ޕާޓީގެ ނައިބު ލީޑަރު އަދި އޭޑީކޭ އެންޓަޕްރައިސަސްގެ ޗެއާމަން އަހުމަދު ނާޝިދު 1.5 މިލިއަން ރުފިޔާ އަދި ޔޮޓް ޓުއާސްގެ ޗެއާމަން އަބްދުﷲ ޖާބިރު 2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޑރ. ހަސަންގެ ކެމްޕޭނަށް އެންމެ ބޮޑު ހަރަދެއް ކުރައްވާފައި ވަނީ ސީގަލް ގްރޫޕްގެ ސޮލާހު ޝިހާބެވެ. އޭނާ ވަނީ 1.13 މިލިއަން ރުފިޔާ ހޭދަކުރައްވައިފަ އެވެ. މީގެ އިތުރުން ކްރައުން ކޮމްޕެނީގެ މުހައްމަދު ސަލީމް 642،500 ރ. ހޭދަކުރައްވާފައިވެ އެވެ. އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ސަވީދާއި އޭނާގެ އެއްބަފާ ބޭފުޅުން ހިއްސާވާ ކުންފުނި ޕްލެޓިނަމް ކެޕިޓަލް ހޯލްޑިން ކޮމްޕެނީ (ޕީސީއެޗް)ގެ ފަރާތުން 500،000ރ. ގެ އިތުރުން އަލީ އަހުމަދު ކިޔާ މީހަކު 500،000ރ. ހަރަދުކޮށްފައިވެ އެވެ.
ލިބަރަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާ ކުރައްވި ހަރަދުތަކުގެ ތަފުސީލް ދައްކާ ގޮތުން އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ޕާޓީގެ އެކައުންޓުންނެވެ. އެ ޕާޓީގެ އެކައުންޓުން 78،500ރ. ހަރަދުކޮށްފައިވެ އެވެ. އޭގެ އިތުރުން މިހާރުގެ ޔޫތު މިނިސްޓަރު ހަސަން ލަތީފު 40،000ރ. ހޭދަކުރައްވާފައިވެ އެވެ.
ރިޔާސީ އިންތިހާބަށް ހަ ކެންޑިޑޭޓުން ކުރި ހޭދަ 83 މިލިއަން ރުފިޔާ އަށް އަރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ