ބޭރުން ނަގައިފައިވާ ދަރަންޏަކީ ރައްޔިތުންނަށް ހުރި ބުރައަކަށްނުވާނެ: ރައީސް މައުމޫން

ބޭރުގެ އެކިއެކި މާލީ އިދާރާތަކުން ދިވެހި ދައުލަތަށް ނަގައިފައިވާ ދަރަނިތަކަކީ ދިވެހި ރައްޔިތުންނަށް ހުރި ބުރައެއް ކަމުގައި އެއްވެސް ގޮތަކުން ވެގެންނުދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ރައްޔިތުންގެ ޕާޓީގެ ރިއާސީ ކެންޑިޑޭޓް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެ މަނިކުފޭނުގެ ރިއާސީ މެނިފެސްޓޯގައިވާ މުހިންމު ދެ ދާއިރާ ކަމަށްވާ ދީނާއި ގައުމިއްޔަތުގެ ސިޔާސަތުތަކާއި އިގްތިސާދީ ދާއިރާގެ ސިޔާސަތުތަކާ ބެހޭ ގޮތުން ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ، ރާއްޖެ އަށް ނަގާފައިވާ ލޯނުތަކަކީ ވަރަށް ކުޑަ އިންޓްރެސްޓަކާ އެކީ ވަރަށް ދިގު މުއްދަތުގައި ދައްކައި ޚަލާސްކުރާ ގޮތަށް ނަގާފައިވާ ލޯންތަކަކަށް ވާތީ ރައްޔިތުން އެކަމުން އެއްވެސް ބުރައެއް އުފުލަން ނުޖެހޭނެ ކަމަށެވެ. ކުރިންސުރެ ނަގާފައިވާ ބައެއް ލޯންތަކަކީ ،20 ،25 30 އަހަރުން ދައްކައި ޚަލާސްކުރާ ގޮތަށް ނަގާފައިވާ ލޯނުތައް ކަމަށް ވާތީ އެ ލޯނުތަކުގެ މުއްދަތު އަދިވެސް އެބަ އޮތް ކަމަށާއި ފަސް އަހަރުގެ ތެރޭގައި އެ ދަރަނިތައް ދައްކައި ޚަލާސްކުރަން ނުވެސް ޖެހޭނެ ކަމަށެވެ.
"އެ (ދަރަނިތައް) ދެއްކުމުގެ ބާރޑްން (ބުރަދަން) ވަރަށް ކުޑަވާނެ ދިވެހި ރައްޔިތުންނަށް. އެއީ ވަރަށް ކުޑަކުޑަ އިންޓްރެސްޓަކާ އެކީގަ ދައްކަން މިޖެހެނީ. އެހެންވީމަ، މި ގޮތުން ވެސް އަޅުގަނޑުމެންގެ ބޭރުގެ މި ދަރަންޏަކީ ރައްޔިތުންނަށް އެއްވެސް ހާލެއްގައި ބުރަކަމަކަށް ވެގެނެއްނުދާނެ."
އެ މަނިކުފާނު ވިދާޅުވީ ބޭރުގެ ދަރަނީގެ ކަންތަކުގައި ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބޭރު ދުނިޔެ އަދި ޚާއްސަކޮށް މާލީ އިދާރާތަކާއި ލޯން ދޭ ފަރާތްތަކުން ވަރަށް ބޮޑަށް އިތުބާރުކުރާ ވަރަށް ގަބޫލުކުރާ ވަރަށް ޔަގީންކަން އޮތް ސިޔާސަތެއް ކަމަށެވެ.
"އެހެން މި ދެންނެވީ އަޅުގަނޑުމެން ނޯންނާނެ، އެއްވެސް ދަރަންޏެއް އެއިން ބައެއް އަދާކުރަންޖެހޭ ވަގުތުގައި އަދާނުކޮށެއް. ހަމަ ބަރާބަރަށް އަދާކުރަމުން މި ގެންދަނީ. މިކަން އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ މާލީ އިދާރާތަކުން އެ ނެރުއްވާ ރިޕޯޓްތަކުގައި ރާއްޖޭގަ މިކަން ގެންގުޅޭ ހަރުދަނާ ސިޔާސަތު އޮންނާނެ ވިދާޅުވެފައި. މިއީ ކޮންމެކޮންމެ ގައުމަކަށް ވާ ކަމެއް ނޫން. އަޅުގަނޑުމެންނަށް ވުރެ މާ ވަސީލަތްތައް ގިނަ، މާ މުއްސަނދި ގައުމުތަކުން ވެސް އަބަހުރޭ ޑިފޯލްޓްކޮށްފައި. އެ ބޭރުގެ ދަރަނި އަދާކުރަންޖެހޭ މުއްދަތުގަ އަދާނުކޮށް. އެކަމަކު މިއޮއް ކުޑަކުޑަ ދިވެހިރާއްޖެ ނޯންނާނެ އެއްގޮތަކަށް ވެސް. މިހާތަނާ ޖެހެންދެން ހަމަ ހުރިހާ ދަރަންޏެއް އަދާކުރަމުން މި ގެންދަނީ."
ރޭގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑީއާރްޕީގެ ރަނިންމޭޓް އަހްމަދު ތަސްމީން އަލީ ވިދާޅުވީ ބޭރުގެ ދަރަނި މި ފަހަކަށް އައިސް ބޮޑުވާންޖެހުނީ ސުނާމީ އަށް ފަހު ރާއްޖެ އަލުން އާރާސްތުކުރަން ޖެހުމުން ކުރަންޖެހުނު ކަންތައްތައް ކުރުމަށް ކަމަށެވެ. ދަރަނި ބޮޑުވި ކަމުގައި ވިޔަސް ސަރުކާރުން ކަނޑައެޅި ސިޔާސަތަކީ ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ދިނުން ކަމަށާއި ސުނާމީ އަށް ފަހު ރާއްޖެ އަލުން އާރާސްތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ