ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު ނުވަ ފަރާތަކުން މެމްބަރު ކަމަށް ކުރިމަތިލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ސީއެސްސީގެ މެމްބަރު ކަމުގެ މަގާމު ހުސްވީ ކުރިން މެމްބަރު ކަމުގައި ހުންނެވި އަބްދުﷲ ޖިހާދު ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުން މެމްބަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު މުސްތަފާގެ ކޮއްކޮ އަދި ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖުތަބާ އާއި މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ އަދި މިހާރު ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހަންމަދު ހުނެއިފާއި އެޑިއުކޭޝަން މިނިސްޓްރީގެ ސުޕްރިންޓެންޑެންޓް ޖަމީލާ އަލީ އާއި މާލޭ ސިޓީ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ ހިންނާ ހާލިދާއި އައިޖީއެމްއެޗްގެ ކުރީގެ ސީއީއޯ ޒުބެއިރު މުހަންމަދެވެ.
މީގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު ޒަކަރިއްޔާ ހުސެއިން އާއި ފިނޭންސް މިނިސްޓްރީގެ ކުރީގެ ނާއިބު މއ. ވިކްޓަރީ މުހަންމަދު އާމިރު އާއި ސ. މަރަދޫ ސަނީޑޭލް ޝެރީމާ އަބްދުއް ސަމަދު ވެސް ވަނީ ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލައްވައިފަ އެވެ.
ސީއެސްސީގެ މެމްބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޖިލީހުގެ އިދާރާ އަށް ހުށަހެޅުމުން އެމީހުން ތެރެއިން މީހަކު ޝޯޓް ލިސްޓްކުރަނީ، ސިވިލް ސާވިސް ގާނޫނު ބުނާ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ. އަދި އެ ކޮމެޓީގެ ރިޕޯޓު މަޖިލީހަށް ފޮނުވުމުން މެމްބަރަކު އައްޔަން ކުރަނީ މަޖިލީހުގައި ނަގާ ވޯޓުގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
ސީއެސްސީގެ މެމްބަރު ކަމަށް ނުވަ މީހަކު ކުރިމަތިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ