ގެއްލިގެން ދިޔައީ އަޅުގަނޑުގެ ގާތް ކޮއްކޮއެއް ފަދަ ބޭފުޅެއް: މައުމޫން

ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލް ރޭ ސިންގަޕޫރުގައި އަވަހާރަވެފައިވާއިރު، އެ މަނިކުފާނުގެ ހަނދާންތައް ނައްތާލަން އެންމެ އުނދަގޫ އެއް ބޭފުޅަކީ ޔަގީނުން ވެސް، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމެވެ. މިސްރުގައި ކިޔަވާ ވިދާޅުވި ދުވަސްވަރު މައުމޫނާއި ފަތުހުﷲ އަދި ކުރީގެ ޔޫތު މިނިސްޓަރު ޑރ. މުހަންމަދު ޒާހިރު ހުސެއިންއާ ތިން ބޭފުޅުން 12 އަހަރު ވަންދެން އެއް ގެއެއްގައި އުޅުއްވި އެވެ. ފަތުހުﷲ އާއި ޑރ. ޒާހިރު މިސްރަށް ގެންދެވީ މައުމޫނެވެ. އޭރު ފަތުހުﷲގެ އުމުރުފުޅުން ވާނީ ގާތްގަނޑަކަށް 15 އަހަރެވެ. މައުމޫންގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ނޮވެމްބަރު ،11 1979 އިން 2005 އާ ހަމައަށް ފަތުހުﷲ ކުރެއްވި އެވެ. މި ހުރިހާ ސަބަބުތަކަށްޓަކައި މައުމޫނުގެ ހަޔާތްޕުޅުގައި ފަތުހުﷲ އަކީ ވަރަށް މުހިންމު ބޭފުޅެކެވެ.
"ފަތުހުﷲ އަކީ ވަރަށް ގާތް، ލޮބުވެތި އަހެއް. ފަތުހުﷲ އަކީ އަޅުގަނޑުގެ ގާތް ކޮއްކޮއެއް. އަޅުގަނޑާއި ފަތުހުﷲ އަކީ އެންމެ ޒުވާން އިރުއްސުރެން ފެށިގެން ވެސް ވަރަށް ގާތް ދެ މީހުން،" މިވަގުތު މެލޭޝިއާގައި ހުންނެވި މައުމޫން "ހަވީރަ" މިރޭ ފޯނުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ފަތުހުﷲ އަކީ ވަރަށް ކުޅަދާނަ، އެކި ކަހަލަ ހުނަރުތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ގުދުރަތީ ގޮތުން ވަރަށް ގިނަ ކަންކަން ލިބިވަޑައިގަންނަވާ ބޭފުޅެކެވެ.
"އެއީ ވަރަށް ވިސްނުން ތޫނު ބޭފުޅެއް. ވަރަށް ރީއްޗަށް ކުރައްސަވާނެ. ލަވަ ވިދާޅުވާނެ. މިއުޒިކް ކުޅުއްވާނެ. ވަރަށް ސަކަ މިޒާޖެއްގެ ބޭފުޅެއް އެއީ. އަޅުގަނޑަށް ވަރަށް ފަސޭހަ ފަތުހުﷲ އާއެކު މަސައްކަތް ކުރަން،" މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި އެ މަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ބޭނުންވާ ފައިސާ އާއި އެހީ ބައިނަލްއަގްވާމީ ފަރާތްތަކުން ހޯއްދެވުމުގައި ފަތުހުﷲ އަކީ ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މައުމޫންގެ ސަރުކާރުގެ ކާމިޔާބީގެ ފަހަތުގައި އެހެންވެ ފަތުހުﷲގެ ހިއްސާ ވަރަށް ބޮޑު ކަމަށް މައުމޫން ވިދާޅުވި އެވެ. ހާއްސަކޮށް މައުމޫން އެއް ކަމެއް އަބަދުވެސް ހަނދާން އެބަހުއްޓެވެ.
"ރައީސްކަމާ އަޅުގަނޑު ހަވާލުވިއިރު، ރާއްޖޭގައި ހަނޑޫ ހުރީ ވަރަށް މަދުން. ހަނދާންވާ ގޮތުން ދެތިން ހަފުތާއަށް ވާ ވަރަށް ހަނޑޫ ހުރީ. ދެން އަވަހަށް ފަތުހުﷲ ފޮނުވީ ކޮޅުނބަށް. އޭރު އެ ގައުމުގައި ހުންނަވާނީ ޖަޔަވަރުދަނާ. އަޅުގަނޑު ފަތުހުﷲ ކޮޅުނބަށް ފޮނުވީ އަޅުގަނޑުގެ ސިޓީއަކާއެ. ނަސީބު ރަނގަޅުކަމުން އެހެން ގައުމަކަށް ފޮނުވަން ނިންމާފައި ހުރި 2،000 ޓަނުގެ ހަނޑޫ ރާއްޖެއަށް ބަދަލުކުރީ. އެހެރީ ފަތުހުﷲގެ އެހީތެރިކަން. އެ މަނިކުފާނުގެ ކުޅަދާނަކަން،" މައުމޫން ވިދާޅުވި އެވެ.
ފަތުހުﷲ ގެ އެހީތެރިކަމާއެކު ފުރިހަމަވެފައިވާ އެހެން ކަމެއް ވެސް މައުމޫން ފާހަގަ ކުރެއްވި އެވެ. އެއީ ބެލެންސް އޮފް ޕޭމަންޓް ނުވަތަ ބޭރުގެ ދަރަނިތައް ދެއްކުމުގައި އެއް އިރެއްގައި ދަތިވެގެން ކުވޭތު ފަންޑާ ފަތުހުﷲ ވާހަކަފުޅު ދައްކަވައިގެން 15 މިލިއަން ޑޮލަރު ހޯއްދެވުމެވެ.
" 15 މިލިއަން ޑޮލަރު އެއީ ވަރަށް ބޮޑު އެއްޗެއް އެއިރަށް ބަލާއިރު. މިކަހަލަ ކުއްލި ކަންތައްތަކުގައި ފަތުހުﷲގެ އެހީތެރިކަން އަބަދުވެސް އަޅުގަނޑަށް އައީ ލިބެމުން. އެއީ ދުވަހަކު ވެސް އަޅުގަނޑުގެ ހަނދާނުން ނެތޭނެ ކަންތައްތަކެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ދެކެވަޑައިގަންނަވާ ގޮތުގައި ފަތުހުﷲ އަކީ ރާއްޖޭގައި އުފެދުނު ވަރަށް ވަރުގަދަ ޑިޕްލޮމޭޓެކެވެ. ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހި ކުރައްވަން މޮޅަށް ދެނެވަޑައިގަންނަވަ އެވެ. ބޭރުގެ ގައުމުތަކާ މުއާމަލާތް ކުރައްވަން ވަރަށް މޮޅަށް ދެނެވަޑައިގަންނަވަ އެވެ. އޭގެ ސަބަބުން ހާރިޖީ ދާއިރާގެ ވަރަށް ގިނަ ކަންކަން ފަތުހުﷲ އަމިއްލަފުޅަށް އިސް ނަންގަވައިގެން ކުރެއްވި ކަމަށް މައުމޫން ވިދާޅުވި އެވެ.
"ފަތުހުﷲ ވަނީ އޮސްޓްރޭލިއާ އަށް ވަޑައިގެން ފޮރިން ރިލޭޝަނާ ބެހޭ ޓްރެއިނިން ހައްދަވާފައި. ހާރިޖީ ދާއިރާގައި އުޅުއްވާއިރު، ވަރަށް ގިނަ ކަންކަމަށް ވިސްނަވަން ޖެހޭ. ގައުމުގެ މަސްލަހަތަށް ވަރަށް ބޮޑަށް ބައްލަވަން ޖެހޭ. އެކި ފަރާތްތަކާ ވާހަކަ ދައްކަވަން ޖެހެނީ އެހެން ކަހަލަ ގޮތަކަށް. ޑިޕްލޮމެސީ ވަރަށް ބޮޑަށް ގެންގުޅުއްވަން ޖެހޭ. އެއީ ވަރަށް މޮޅު ފަންނެއް. އެ ހުރިހާ ކަމެއް ފަތުހުﷲ އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ. އެހެންވެ އަޅުގަނޑުމެންނަށް އެހާ ދަތި ދުވަސްވަރެއްގައި ވެސް ބައިނަލްއަގްވާމީ ފަރާތްތަކާ އެހާ ގާތްގުޅުމެއް ބޭއްވުނީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ސަރުކާރުން ވަނީ، ދައުލަތަށް ކުރައްވާފއިވާ ހިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ނިޝާން އިއްޒުންދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވައިފަ އެވެ.
"އެހެންވީމަ އަޅުގަނޑު އަބަދުވެސް ފަތުހުﷲގެ އަގު ވަޒަން ކުރަން. ގެއްލުނީ އަޅުގަނޑަށް ވަރަށް އެހީތެރިވި ބޭފުޅެއް. އެއީ ދުވަހަކު ވެސް އަޅުގަނޑަށް ހަނދާން ނައްތާލެވޭ ވަރުގެ ބޭފުޅެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވަނީ، ފަތުހުﷲގެ ހާލު ސީރިއަސްވުމާއެކު، ސިންގަޕޫރަށް ވަޑައިގެން އެ މަނިކުފާނުގެ ހާލު ބައްލަވައިފަ އެވެ. އަދި ސިންގަޕޫރުގައި ހުންނެވި ދެ ދުވަހު ވެސް ކޮންމެ ދުވަހަކު ހޮސްޕިޓަލަށް ވަޑައިގެން ފަތުހުﷲގެ ހާލު ބެއްލެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ